ސައިކަލް ޕާކިންނަށް ޚާއްސަ ޒޯނެއް ވެލާނާގޭ ކައިރީ ހުޅުވައިފި އެވެ.
މި ޕާކިން ޒޯން ހުޅުވަފައިވަނީ މިދިޔަ ސަރުކާރުން ވެލާނާގެ ސަރަހައްދުގައި މެކޭނިކަލް ޕާކިންގް ސިސްޓަމެއް ގާއިމް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުގައެވެ. ހައުސިންގް މިނިސްޓްރީ އާއި މާލެސިޓީ ކައުންސިލްގެ ފަރާތުން މިމަސައްކަތް މިހަފުތާތެރޭ ފަށައިގެން ކުރިއަށް ގެންގޮސްފައި ވާއިރު މި ސަރަހައްދު ހުޅުވާލާފައިވަނީ މިއަދު ހެނދުނު އެވެ.
މާލެސިޓީ ކައުންސިލުގެ މޭޔާ ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި މި ޕާކިންގް ޒޯނުގައި އެއްފަހަރާ 120 ސައިކަލް ޕާކު ކުރެވޭނެ ޖާގަ ހުންނާނެ އެވެ.
އެ ޓުވީޓުގައި ޝިފާ ވަނީ މިދިޔަ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ފަރާތުން ގާއިމުކުރި މެކޭނިކަލް ޕާކިންގް ސިސްޓަމްތައް މަސައްކަތް ނުކުރާކަމަށް ވިދާޅުވެފައެވެ.
2016 ވަނަ އަހަރު ހައުސިންގް މިނިސްޓްރީން ވަނީ މާލޭގައި 20 ޕާކިންގް ސިސްޓަމް ގާއިމް ކުރުމަށް ނިންމާފައެވެ. އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، މިދިޔަ ސަރުކާރު ނިމިގެން ދިޔައިރުވެސް މެކޭނިކަލް ޕާކިންގް ސިސްޓަމްތައް ވަނީ ބޭނުން ކުރެވޭވަރު ނުވެފައެވެ.