ގއ. ދާންދުއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށުގައި ފެންބޮޑުވެއްޖެއެވެ.
ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު "ވަން އޮންލައިން"އަށް ވިދާޅުވީ އެ ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މިއަދު ހަވީރު 4:30 އިން ފެށިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދާންދުއަށް މިއަދު މެންދުރުފަހު 2:35 އިން ފެށިގެން ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެކަމާ ގުޅިގެން އެ ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މިއަދު ހަވީރު 4:30 ގައި ބައެއް ގެތަކުގެ މީހުން ކައުންސިލަށް ގުޅައި އެކަން ރިޕޯޓުކޮށްފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
"ބައެއް ގެތަކުން އަޅުގަނޑުމެންނަށް ގުޅިއިރު، އަޅުގަނޑުމެން ތިބީ ސްޓޭންޑް ބައިގައި. އަޅުގަނޑުމެން އޭރު ފެން ހިންދުމުގެ މަސައްކަތް ފެށީ ތިން ޕަމްޕު ބޭނުންކޮށްގެން. އަޅުގަނޑުމެންނަށް ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުންނާއި އެކި މުއައްސާސާތައް އަދި ޒުވާނުންގެ އެހީތެރިކަން ލިބެމުންދޭ،" އޭނާ ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ ރަށުގެ ހަތަރު ސަރަހައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން ތިން ސަރަހައްދެއްގައި ޕަމްޕު ބަހައްޓާފައިވާނެ ކަމަށާއި އެންމެ އަވަހަށް ފެން ހިނދޭ ސަރަހައްދެއްގައި ބަހައްޓާފައިވާ ޕަމްޕު އިތުރު ސަރަހައްދަކަށް ގެންގޮސްގެން އެ ސަރަހައްދުން ވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބައެއް ގެތަކަށް ފެން ވަދެފައިވީ ނަމަވެސް، ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދާންދޫގައި ފެން ބޮޑުވެފައިވާ އިރު، މެޓް އޮފީހުން މިރޭ ވަނީ ހުވަދު އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައެވެ.