ޚަބަރު

ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގެ ވީޑިއޯއެއް، މިފަހަރު އަލިފާނެއް ނުފެނޭ!

4

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކެމެރާއިން ނެގި އެޑިޓް ނުކުރާ ވީޑިއޯ ކަމަށް ބުނާ ވީޑިއޯ އާންމުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު އަށްވަނަ ދުވަހު ދަތުރުކުރެއްވި ލޯންޗުކޮޅުގައި ގޮވި ހާދިސާގައި ރައީސް އޮފީހުގެ ކެމެރާއިން ނެގި އޮރިޖިނަލް ފުޓޭޖު ކަމަށް ބުނާ ވީޑިއޯ އާންމުކޮށްފައިވަނީ "ސަންގު ޓީވީ" އިންނެވެ.

ރައީސް އޮފީހުން ކުރިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ލޯންޗުކޮޅު ތެރޭގައި އެއްޗެއް ގޮވައި، ދޮރު ވިއްސައިގެން ދިއުމާއެކު އެތެރެއިން އަލިފާނުގެ އަސަރު ފެނެއެވެ. ނަމަވެސް އޮރިޖިނަލް ފުޓޭޖުގެ ގޮތުގައި ސަންގު ޓީވީން ދެއްކި ވީޑިއޯގައި އެހެން ހުރިހާ މަންޒަރެއް އެއްގޮތްވި ނަމަވެސް، އަލިފާނުގެ އަސަރު ފެނިފައެއް ނުވެއެވެ.

ސަންގު ޓީވީން އެ ވީޑިއޯ އާންމުކޮށްފައި މިވަނީ ކުރިން ރައީސް އޮފީހުން އާންމުކުރި ވީޑިއޯއަކީ އެޑިޓްކޮށްފައިވާ ވީޑިއޯއެއް ކަމަށް ދޭހަވާ ގޮތަކަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދާދި ފަހުން ވާހަކަދައްކަވާފައި ވަނިކޮށެވެ.

ފިނިފެންމާ ލޯންޗުކޮޅުގައި ގޮވި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކެމެރާއިން ނެގި އެޑިޓް ނުކުރާ ވީޑިއޯ ކަމަށް ބުނާ ފުޓޭޖު ދެއްކި ސަންގު ޓީވީގެ ޕްރޮގްރާމް --

ނިމިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއާޒް ވިދާޅުވީ އެދުވަހު ލޯންޗުކޮޅު ތެރެއިން އަލިފާނުގެ އެއްވެސް އަސަރެއް ފެނިފައިނުވާ ކަމަށާއި އެހެންނަމަވެސް ރައީސް އޮފީހަށް ހާޒިރުކޮށް އޭރުގެ ހޯމް މިނިސްޓަރު އަދި އެކަން ތަހުގީގުކުރުމަށް އުކުލަވާލި ކޮމިޝަންގައި އިސްކޮށް މަސައްކަތްކުރެއްވި އުމަރު ނަސީރު ވީޑިއޯއެއް ދެއްކެވި ކަމަށެވެ.

އަލިފާނުގެ އެއްވެސް ކުލައެއް، އަސަރެއް ފެނިފައިނުވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް ފަހުން ރައީސް އޮފީހަށް ހާޒިރުކޮށް އޭރުގެ ހޯމް މިނިސްޓަރު އަދި އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަންގައި އިސްކޮށް ހަރަކާތްތެރިވި އުމަރު ނަސީރު ވީޑިއޯއެއް ދެއްކެވި ކަމަށް މުއާޒް ވިދާޅުވިއެވެ. އަދި ވީޑިއޯއަކަށް "އާފްޓާ އެފެކް" ފަދަ ސޮފްޓްވެއާތަކުން އެފެކްޓުތައް ގެނެވޭނެ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ގޭގައި ހުއްޓައި އުމަރު ނަސީރު ވިދާޅުވަނީ ވަރަށް އަވަހަށް ރައީސް އޮފީހަށް އައުމަށް. ދިޔައިރު އާންމުކޮށް ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ތަނުގައި ޕްރޮޖެކްޓަރެއް އެޅުވުމަށް ތައްޔާރުކޮށްފައި ހުރީ. ސީޑީއެއް ނޫސްވެރިންނަށް ދައްކުވައިދިނުމަށް އުމަރު އެދުނު. އުމަރު ދެންނެވީ ވީޑިއޯ ދައްކާފައި ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށް. އަލިފާނުގެ ކުލައެއް ފެނުނީ ކޮމިޝަންގެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން އުމަރު ނަސީރު ދެއްކެވި ވީޑިއޯއިން،" އޭނާ ވިދާޅުވިއެވެ.

މުއާޒް އިތުރަށް ވިދާޅުވީ އެ ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއިން ނަގާފައިވާ ވީޑިއޯއެއް ކަމަށް ދެންނެވި ކަމަށާއި އެކަމަކު މާލޭގެ ފަޅަށް ވަންނަތަނުން ފެށިގެން ވީޑިއޯ ކުރުމަށް ކެމެރާމަނަށް އަންގާފައިނުވާނެ ކަމަށެވެ. އަދި ކެމެރާމަނަށް އަންގާފައިވާނީ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން "ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މުއާޒް މިހާރު ވާހަކަ އެ ދައްކަނީ ކޮންމެވެސް އެހެން ބާރެއްގައި ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އެހެންކަމުން އޭރު ފެނުނު ވަރަށް ގިނަ ކަންކަން މިހާރު ނުފެންނަ ކަމަށް ވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިހާރު އެވާހަކަދައްކަނީ މުއާޒެއް ނޫން. އެވާހަކަދައްކަނީ ފައިސާ. އެއީ އެމްއެމްޕީއާރްސީގެ ފައިސާ،" އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ލޯންޗުކޮޅުގައި ގޮއްވާލައިފައިވަނީ އެންމެ ބާރުގަދަ ޒާތުގެ ގޮވާ އެއްޗެއް ކަމަށާއި އެފަދަ އެއްޗެހިން އުފައްދާ އަލިފާން ފެންނަ ވަގުތުގެ ދިގުމިނަކީ ސިކުންތެއްގެ ދިހަބައިކުޅަ އެއްބައި ކަމަށެވެ. އެހެންކަމުން އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަލިފާން ލޮލަށް ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ އެއީ ރައީސް އޮފީހުގެ ވީޑިއޯ ކެމެރާއަށް އަރާފައިވާ މަންޒަރެއް ކަމަށާއި ޕްރިވެޓް މީޑިއާތަކުގެ ވީޑިއޯތައް ވެސް ހޯއްދެވި ކަމަށާއި އެހެން ނަމަވެސް އޭރު އަދި ރައީސްގެ ލޯންޗުކޮޅު ކައިރި ނުކުރާތީ ޕްރައިވެޓް މީޑިއާތަކުން ރެކޯޑު ކުރަން ނުފަށާ ކަމަށެވެ.

ނިމިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯންޗުކޮޅު ގޮވުމުގެ ކުރިން ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން މުއާޒް ވަނީ ވާހަކަދައްކަވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟