ޚަބަރު

ތިނަދޫ ދާރުލްއާސާރުން ވަގަށް ނެގި ބައެއް ތަކެތި ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

މަރިޔަމް ޝަހުދާ

ގދ. ތިނަދޫގައި ހުންނަ "ހުވަދޫ ސަރަހައްދީ މިއުޒިއަމް" އަށް ވަދެ، އެތަނުން ވަގަށް ނެގި ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.

ރޭ 21:40 ހާއިރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި ވަގަށް ނަގާފައިވަނީ ނަމޫނާ ފައިސާ ތަކަކާއި ކޮމްޕިއުޓަރު ސިސްޓަމެކެވެ. ނަމަވެސް އެތަނަށް ވަގުން ވަނީ ކިހިނެތް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ، އެތަކެތީގެ ތެރެއިން ފެނިފައިވަނީ ކޮމްޕިއުޓަރު ސިސްޓަމްގެ ސިސްޓަމް ޔުނިޓާއި ކީބޯޑު އަދި ކޮމްޕިއުޓާ މައުސް އެއް ކަމަށެވެ. އެ ތަކެތި ފެނުނީ ގެއެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.