އަލީ ޔާމިން
ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކައި ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ރަޖިސްޓްރީ ކުރުން ލާޒިމުކޮށްފިއެވެ.
ތަރިކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީގެ ކުރުމުގެ ގަވައިދު އިއްޔެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިރު، މި ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
މި ގަވައިދުގައިވާ ގޮތުން މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީން، ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފިޔަވައި މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކައި ވިޔަފާރި ހިންގާ ހުރިހާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެއެވެ.
ގަވައިދުގައިވާ ގޮތުން، އޮންލައިންކޮށް ވިޔަސް ނުވަތަ އެއްވެސް ބާވަތެއްގެ މޭވާއެއް ނުވަތަ ތަރުކާރީ ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކުން ވެސް ވިޔަފާރި ރަޖިސްޓްރީ ކުރަންވާނެއެވެ.
ގަވައިދުގައި ބުނީ، އެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރީ ނުކޮށް، މޭވާއާއި ތަރުކާރީ ވިއްކާނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މޭވާއާއި ތަރުކާރީ ފަދަ ކާބޯތަކެތި ވިއްކާ ތަނުގައި ހުންނަންޖެހޭ ޝަރުތުތަކެއްވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވައިދުގައި ބުނީ، އެ ޝަރުތުތައް ފުރިހަމަ ނުވާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ފިޔަވަޅުތައް އެޅުމަށްފަހުވެސް ގަވައިދާ ހިލާފުވާނަމަ، އެ ވިޔަފާރި ހިންގާ ތަން ބަންދުކޮށް، އެތަނުގެ ތަފްސީލު ގެޒެޓުގައި ޝާއިއުކުރާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.
މޭވާއާއި ތަރުކާރީ ވިއްކާ ތަންތަން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ގަވައިދެއް އެކުލަވާފައިވާ އިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ކުދި މާރުކޭޓުތައް ހަދައިގެން ރަޖިސްޓްރީ ނުކޮށް މޭވާއާއި ތަރުކާރީ ވިއްކަމުންދާކަން ފާހަގަކުރެއެވެ.