ޚަބަރު

އެންސްޕާ އިން އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވަނީ ރަނގަޅަށް: އޮޑިޓް

އަލީ އަފާފު ރަމީޒު

ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގައި އެންސްޕާއިން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފިއެވެ.

ކޮވިޑާ ގުޅިގެން ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާސަންދަ އަދި އެންސްޕާއިން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ކޮވިޑާ ގުޅިގެން ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީދިނުމުގެ ވަރަށް ގިނަ ގޯސްތައް ހަދާފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން އާސަންދަ އަދި އެންސްޕާއިން މައިގަނޑު ގޮތެއްގައި ކޮށްފައިވާ ހަރަދުތަކަކީ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުން ރާއްޖެ ނާދެވި ތިބި އަމިއްލަ ގޮތުންނާއި އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި ދިވެހިންނާއި އެ މީހުންގެ އެހީތެރިންނާއި އާއިލާއަށް ފައިސާގެ އެހީ ދިނުމާއި ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމެވެ.

ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭން ނިންމި އިންކަމް ސަޕޯޓް އެލަވަންސް، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ މީހުންނަށް ދޫކޮށްފައިވަނީ އެންސްޕާ މެދުވެރިކޮށެވެ. އެގޮތުން 30 ޖޫންގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 2,506 ފަރާތަކަށް ޖުމުލަ 10,049,378 ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އެގޮތުން ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 2042 ފަރާތަކަށް 7,787,447 ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 464 ފަރާތަކަށް 2,261,931 ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ކޮވިޑާ ގުޅިގެން 20 މެއި އިން 30 ޖޫންގެ ނިޔަލަށް ވަޒީފާގައި އުޅޭ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދީފައިވަނީ ސަރުކާރުން އެކުލަވާލާފައިވާ "ކޮވިޑް 19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލު" އަދި "ވެރިފިކޭޝަން ގައިޑްލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް" އާ އެއްގޮތަށް ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކުރި ރިޕޯޓަށް މައުލޫމާތު ހޯދި ދުވަހާ ހަމައަށް އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވަނީ 10 މިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު ވަނީ 43.6 މިލިއަނަށް ރުފިޔާ ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 10،522 މީހަކަށް ވަނީ އެ އެލަވަންސް ދޫކޮށްފައެވެ.