ޚަބަރު

ރައީސް ސޯލިހު އަށް އުފަންދުވަހުގެ ތަހުނިޔާ، އައިޑީ ކާޑުގައި އޮތީ 01 މާޗު ކަމަށް!

މަރިޔަމް ޝަހުދާ

1

އާ އަހަރުގެ ތަހުނިޔާއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އުފަންދުވަހުގެ ތަހުނިޔާ ދަންނަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓުވީޓާއެކު އެތައް ބަޔަކަށް ރައީސް ސޯލިހުގެ އުފަންދުވަހަކީ ކޮބައިކަމާމެދު ސުވާލު އުފެދުނެވެ.

ރައީސް މައުމޫންގެ އިތުރުން ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓަރ މަހުލޫފް، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ރައީސް ސޯލިހުއަށް އުފަންދުވަހުގެ ތަހުނިޔާ ދަންނަވައިފަ އެވެ. އަދި އާންމު އެތައް ބަޔަކު ވެސް އަންނަނީ އެމަނިކުފާނަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަމުންނެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ ލިޔެކިޔުންތަކުގައި ރައީސް ސޯލިހުގެ އުފަންދުވަހުގެ ގޮތުގައި އޮތީ 01 މާޗް އެވެ. ވިކިޕީޑިއާގައި އޮންނަ ގޮތުން ނަމަ އެމަނިކުފާނުގެ އުފަންދުވަހަކީ 01 މެއި 1964 އެވެ. ވިކިޕީޑިއާގައި 01 މެއި އަދި ރަސްމީ ލިޔެކިޔުންތަކުގައި 01 މާޗު ކަމަށް އޮއްވައި ރައީސް ސޯލިހުއަށް އުފަންދުވަހުގެ ތަހުނިޔާ މިއަދު ފޮނުވަން ފެެށުމުން މި ވަނީ އޮޅުންތަކެއް އުފެދިފަ އެވެ.

މި ކަމާ ގުޅޭ ގޮތުން "ވަން އޮންލައިން" އިން ހޯދި މައުލޫމާތު ތަކުން ޔަގީންވި ގޮތުގައި ރައީސް ސޯލިހުގެ އުފަންދުވަހުގެ ގޮތުގައި އެމަނިކުފާނުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި އޮތީ 01 މާރޗް 1964 އެވެ. އެހެން ނަމަވެސް އާއިލާއިންނާއި އަރިސް ބައެއް ބޭފުޅުން އެމަނިކުފާނުގެ އުފަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ 01 ޖެނުއަރީ އެވެ.

ޖެހިގެން މި އުޅޭ މައްސަލައަކީ އުފަންދުވަހުގެ ސެޓުފިކެޓުން އައިޑީ ކާޑަށް ބަދަލުވުމުގައި ހުރި މައްސަލައެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟