ޚަބަރު

"މި އަހަރަކީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަށް ހެދުމަށް އިތުރަށް މަސައްކަތްކުރާނެ އަހަރެއް"

އަހުމަދު ޖައިޝަން

މި ފެށޭ އަހަރަކީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން އިތުރަށް މަސައްކަތް ކުރާނެ އަހަރެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ ތަހުނިޔާގެ ފޮނުއްވަމުން މިނިސްޓަރު ޝާހިިދު ވިދާޅުވީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަކަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު ތަނބުތަކެއް ކަމަށެވެ.

ރާއްޖެ އާއި ރަހުމަތްތެރިކަން އޮތް ގައުމުތަކާއި ޒަމާންވީ ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރާނެ ކަމަށާއި އާ ރަހުމަތްތެރީން ހޯދައި ގުޅުން ބަދަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ކަންތައްތަކާ ގުޅިގެން މިވަގުތަކީ އުއްމީދުން ފުރިގެންވާ ދަނޑިވަޅެއް ކަމަށެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންގެ ހާލަތާ މެދު އިތުރަށް ފަރުވާ ބަހައްޓަވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ބޭރުގައި ތިބި ދިވެހިންގެ ކަންކަން މިހާރަށް ވުރެ ގާތުން ބައްލަވައި ދިމާވަމުން އަންނަ ކަންކަން ހައްލުކޮށްދެއްވަން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.