ޚަބަރު

ރައީސް ސޯލިހު ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުއްވަވައިފި

މަރިޔަމް ޝަހުދާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުއްވަވައިފި އެވެ.

އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާ ހިތާބުގައި ރައީސް ސޯލިހު ވަނީ ދިވެހި ރައްޔިތުންނަށް 2019 ވަނަ އަހަރަކީ ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އަދި އުފާ ފާގަތި އަހަރެއްކަމުގައި ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައިކަން ރައްޔިތުންނަށް ޔަގީން ކޮށްދެއްވުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ހައްގުތައް ނަގަހައްޓައި، ދަމަހައްޓަން ދިވެހީން ބޭނުންވެފައިވާ މިންވަރު ފާއިތުވި އަހަރު ފެނި ސާބިތުވެއްޖެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހަމަ އެހެންމެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ ރައްޔިތުންނަށް މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހަމަ އެއާއެކު މި އަހަރު އޭޕްރީލްމަހުގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ރައްޔިތުންނަށް ރާއްޖޭގެ ދުސްތޫރީ ނިޒާމު އަލުން ބައްޓަން ކުރުމަށް ލިބިގެންދާ ފުރުސަތެއްކަމުގައި ރައީސް ސޯލިހުގެ ޚިތާބުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިންނަކީ އަބަދުގެ އަބަދަށް އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމާއެކީގައި، ތަރައްގީ އާއި ކާމިޔާބީ ހާސިލުކުރަމުންދާ ބައެއް ކަމުގައި ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.