ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ އެއްވެސް ސްކޫލަކަށް ޓީޗަރުންގެ ދަތިކަން ކުރިމަތި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮންމެ އަހަރެއްގެ ސްކޫލު ކިޔެވުން ފަށާއިރު ޓީޗަރުންގެ ދަތިކަން ކުރިމަތިވާތީ ބެލެނިވެރީން އެކަމުގެ ޝަކުވާ ކުރެ އެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރީން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިނިސްޓްރީން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
މިހާރުވެސް ވަނީ ރާއްޖޭގެ ސްކޫލުުތަކަށް ހަމަނުވާ ޓީޗަރުން ހޯދުމަށް އިއުލާންކޮށްފައެވެ. ރަޝީދު ވިދާޅުވީ ދިރާސީ އަހަރަށް ތައްޔާރުވުމަކީ މިނިސްޓްރީން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތް ކަމަށެވެ.
ގިނަ މުދައްރިސުންނަކީ ބޭރު ގައުމުތަކުގެ މީހުން ކަމަށް ވުމުން އެފަދަ ޓީޗަރުން މާލެ އައުމުގައި ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ އިސްތިސްނާވާ ހާލަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންނަކީ ގިނަ އަހަރުތަކެއް ވަންދެއް ރާއްޖޭގައި ހިދުމަތް ފޯރުކޮށްދީފައިވާ ފަރާތްތައް ކަމަށެވެ. އަދި އާ ބިދޭސީ ޓީޗަރުން މިއަހަރު ނިސްބަތުން މަދުވާނެ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.