ޚަބަރު

މާމެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެ

ގއ. މާމެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ގއ. ވިލިނގިލި، ރިޔާޒް، އުމުރުން 32 އަހަރުގެ އަފްޝަލް ޔާސިރެވެ. އޭނާ ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މާމެންދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން އަނިޔާވި މީހުން ގެންގޮސްފައިވަނީ ގއ. ވިލިނގިލި ހޮސްޕިޓަލަށެވެ. ވިލިނގިލި ހޮސްޕިޓަލުގެ މެނޭޖަރު "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ތިން މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

މާމެންދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވި ކަމަށް ޕޮލިސް މީޑިއާގެ އޮފިޝަލަކު ވަން އޮންލައިނަށް ކަށަވަރުކޮށްދެއްވި ނަމަވެސް، އޭނާ ވިދާޅުވީ އެ އެކްސިޑެންޓުގެ އިތުރު މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލެއް ޖެހިގެންނެވެ.