ޚަބަރު

އަމީރު އަހުމަދު މަގު ރަސްމީކޮށް ހުޅުވާލައިފި

އަމީރު އަހުމަދު މަގުގެ އިސްލާމީ މަރުކަޒު ސަރަހައްދު މަރާމާތު ކުރުމަށްފަހު މިއަދު ރަސްމީކޮށް ހުޅުވާލައިފި އެވެ.

މިއަދު ހަވީރު އާންމުނަށް މަގު ހުޅުވާލާފައިވާ އިރު، އަލުން ރަސްމީކޮށް ހުޅުވުމަށްފަހު މި މަގުން އެންމެ ފުރަތަމަ ހުރަސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މިމަގު ހުޅުވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މިއަދު އެ މަގު ހުޅުވާލާފައިވާއިރު އެ މަގުގައި ދަތުރުކުރާނީ ވަން ވޭއަށް ކަމަށެވެ.

މޭޔަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބަންދުކޮށްފައިވާ އިތުރު ކުދި މަގުތައް ހުޅުވާލާނެ ކަމަށެވެ.

މިއަދު އާންމުންނަށް މަގު ހުޅުވާލާފައިވާއިރު މިމަގުގެ އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައި ހުރި މާބުލްތައް ނެއްޓުމުގެ މަސައްކަތް ފަށާފައިވަނީ މިމަހު ހަތަރެއްގައެވެ.