ޚަބަރު

ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓް %3 އަށް ކުޑަކޮށްފި

މަރިޔަމް ޝަހުދާ

ރައްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ލޯން ދޫކުރުމުގެ ސްކީމް ބަދަލުކޮށް، މިހާރު ނަގަމުން އަންނަ %5 އިންޓްރެސްޓް ރޭޓް %3 އަށް ކުޑަކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ޑރ. ހަސަން މިހެން ވިދާޅުވެފައިވަނީ މިއަދު މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަން އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އެ މިނިސްޓްރީގެ ދަށަށް އަންނަ ވައުދުތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. މިނިސްޓަރގެ ވާހަކައިގައި ވަނީ މިހާރު ލޯން ސްކީމްގެ ދަށުން ކިޔަވައި ނިމި، ލޯން އަނބުރާ ދައްކަމުން އަންނަ ކުދިންނަށްވެސް ލޯންގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް، ކުރިއަށްވުރެ ދިގު މުއްދަތެއްގެ ތެރޭ ލޯން ދައްކާ ހަލާސްކުރުމަށް އައު އުސޫލުގެ ދަށުން ފުރުސަތު ލިބިގެންދާނެ ކަމަށް ފާހަގަކުރައްވައިފައެވެ.

އެގޮތުން މިނިސްޓަރ ވަނީ ކޮންމެ އަހަރަކު ރައީސުލް ޖުމްހޫރިއްޔާ އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރުންނަށް ދޭ ސްކޮލާރޝިޕްގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ގައުމެއްގެ ޔުނިވާސިޓީއަކުން ބޭނުން ދާއިރާއަކަށް ކިޔެވުމަށް ސްކޮލާޝިޕް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ހައި އެޗީވާސް ސޮކޮލާޝިޕް ދޫކުރުމަށް އެކުލަވާލައިފައިވާ އުސޫލުވެސް މުރާޖާކޮށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރިން އޯއީސީޑީ ގައުމުތަކަށް ކިޔަވަން ދިއުމަށް ހައި އެޗީވާސް ސްކޮލާޝިޕް ދޫނުކުރާއިރު، މިބަދަލާއެކު އޯއީސީޑީ ގައުމުތަކަށް ކިޔަވަން ދިއުމުގެ ފުރުސަތު މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓްރީގެ ފަރާތުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ސްޓިޕެންޑް ފައިސާ ދެއްކުމަށް ދަތިތަކެއް ދިމާވީ ބަޖެޓް މަދުވުމުން ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. އަދި މިހާރު އެމައްސަލަ ހައްލު ކުރެވިފައިވާ ކަމާއި މިހާރު ދަނީ ދަރިވަރުންގެ ޕޭމަންޓްތައް ޕްރޮސެސް ކުރުމުގެ މަސައްކަތްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެ މިނިސްޓްރީއަށް ދިމާވެފައިވާ އެކި ދަތިތަކުގެ ވާހަކަ ދައްކަވައިފައެވެ. މިގޮތުން ކުރިން ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ހަޔާރ އެޑީއުކޭޝަންގެ މުވައްޒަފުން މިނިސްޓްރީއަކަށް ބަދަލު ކުރެވުމުން މަސައްކަތް ކުރާ ޖާގައިގެ އިތުރުން މުވައްޒަފުންވެސް މަދު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ މިނިސްޓްރީއަކީ ދިގު މުއްދަތަކަށް އެކި ލިޔެކިޔުން ރައްކާ ކުރަންޖެހޭ މިނިސްޓަރީއަކަށް ވެފައި، ލިޔެކިޔުންތައް ރައްކާކުރާނެ ޖާގަ ނެތުމީ މިނިސްޓްރީގެ މަސައްކަތްތަކަށް ދިމާވެފައިވާ ދަތިތަކެއްކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. އަދި ސިވިލް ސާވިސްއާއެކު މި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.