ޗައިނާގެ 69 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހަފްލާއެއް ބާއްވައިފިއެވެ.
ޗައިނާގެ 69 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރި ކޮއްދެއްވީ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޑ. މުހައްމަދު އާސިމްއެވެ.
މިނިސްޓަރު އާސިމްގެ ވާހަކަފުޅުގައި ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ޗައިނާގެ ރައީސް ޝީޖިންޕިންގ އާއި ޗައިނާގެ ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވައިފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޗައިނާއާއި ރާއްޖޭގެ ޒަމާންވީ ގުޅުން ވަނީ ފާހަގަކޮށްފައެވެ. އަދި ޗައިނާއިން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީގޮތުން ވެދެމުންދާ ބޮޑެތި އެހީ ފާހަގަކޮށްފައެވެ. ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށްގެންދާކަން ފާހަގަކޮށް އެމަނިކުފާނު ވަނީ ޗައިނާގެ ސަރުކާރަށް ޝުކުރު ދަންނަވައިފައެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އިންތިޒާމުކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ހަފްލާއަށް ދިވެހި ދައުލަތުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ރާއްޖޭގައި ހުންނަވާ ބޭރުގެ ޑިޕްލޮމޭޓުންނާއި އެހެނިހެން އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.