ޚަބަރު

ހުއްދަ ހޯދުމަށްފަހު ރެސްޓޯރެންޓްތަކާއި ހޮޓާތައް 24 ގަޑިއިރު ހިދުމަތް ދެވޭ ގޮތް ހަދައިފި

އަހުމަދު ޖައިޝަން

ހުއްދަ ހޯދުމަށްފަހު ރެސްޓޯރަންޓްތަކާއި ސައި ހޮޓާތަކުގެ އިތުރުން ކެންޓީންތައް 24 ގަޑިއިރު އޮޕަރޭޓްކުރެވޭގޮތަށް ހެދުމަށް ސައި ހޮޓަލާއި ރެސްޓޯރެންޓްތަކުގެ އިތުރުން ކެންޓީނު ހިންގުމުގެ ގަވާއިދަށް މިއަދު ވަނީ އިސްލާހު ގެނެސްފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި ގަވާއިދުގައި ބުނެފައިވަނީ ހުއްދަ ހޯދުމަށްފަހު އެފަރާތްތަކުން ބޭނުންވާ ނަމަ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެ ހުއްދަ ދޫކުރަނީ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުން ކަމަށާއި އަދި ރަށެއްގައި ނަމަ އެރަށެއްގެ ކައުންސިލުން ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

އެތަންތައް 24 ގަޑިއިރު އޮޕަރޭޓްކުރާނަމަ ފަސް ޝަރުތެއް ފުރިހަމަ ވާން ޖެހެއެވެ. އެގޮތުން އެތަނަކީ މިނިސްޓްރީގެ މަޝްވަރާގެ މަތީން ކައުންސިލުން ކަނޑައަޅާފައިވާ ތަނަކަށް ވާން ޖެހުމާއި ރެސްޓޯރަންޓުގެ ބޭރުން ބަލާއިރު، ސާފުކޮށް އެތެރެ ފެންނާނޭހެން އަލިކުރެވޭގޮތަށް ހުރި ތަންތަންކަމުގައި ވާން ޖެހެއެވެ.

އޭގެ އިތުރުން އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނެއްކަމުގައި ވުމާއި 0100 އިން ފެށިގެން ފަތިހު 0430 އާ ހަމައަށް އެތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނަކަށް ވާން ޖެހޭނެ ކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެތަންތައް 24 ގަޑިއިރު ހިންގުމަށްޓަކައި ނަގާ ހުއްދައަކީ 2،000 ރުފިޔާގެ ފީއެއް ނަގާނެ ހުއްދައެއް ކަމަށާއި 24 ގަޑިއިރު ހިދުމަތް ދޭކަމުގެ ބޯޑެއް އެތަނުގައި ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.