ރާއްޖެއަށް އެތެރެކުރާ "ވިޓްސީ 500"ގެ ބޭސް ގުޅައެއް 66 ރުފިޔާގައި ވިއްކަނީ އެ އަގަކީ އާސަންދަ ޕޯޓަލުން ކަނޑައަޅާފައިވާ އަގަށް ވާތީ ކަމަށް އޭޑީކޭ ފާމަސޫޓިކަލް ކުންފުނިން ބުނެފިއެވެ.
އޭޑީކޭއިން ދާދިފަހުން އާސަންދަ މެދުވެރިކޮށް ވިޓްސީ 500ގެ ބޭސް ގަތް އިރު އޭގެ ޓެބްލެޓަކަށް 66 ރުފިޔާ އަރައިފައިވާތީ އެކަން އާންމުންގެ މީހަކު ވަނީ އެ ބިލާއެކު ސޯޝަލް މީޑިއާގައި ޝެއާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭޑިކޭއާ ސުވާލުކުރުމުން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ވިޓްސީ 500" އަކީ އޭޑިކޭއިން އެތެރެކުރާ ބްރޭންޑެއް ނޫން ކަމަށެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި އޭޑީކޭއިން ދޫކުރަނީ "ލިމްސީ" ބްރޭންޑުގެ ޓެބްލެޓް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
"ލިމްސީ ބްރޭންޑުގެ ބޭސް އާސަންދަ މެދުވެރިކޮށް ވިއްކުމަށް އާސަންދައިން ކަނޑައަޅާފައިވާ އަގަކީ 1.10 ރުފިޔާ. ނަމަވެސް މިވަގުތު މިކުންފުނިން އެތެރެކޮށް ވިއްކާ ލިމްސީ ބްރޭންޑް ހުސްވެފައިވުމުގެ ސަބަބުން "ވިޓްސީ 500" ބްރޭންޑަކީ ރާއްޖޭގެ މާކެޓުން ގަނެގެން ރައްޔިތުންނަށް ފޯރުކޮށްދޭ ބޭހެއް،" އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އާސަންދަ ޕޯޓަލުން އެ އަގު ކަނޑައަޅާފައިވާއިރު އެ އަގުތަކަކީ ކުންފުނީން ކޮންޓްރޯލްކުރާ އަގުތައް ނޫން ކަމަށް ވެސް އޭޑީކޭ ފާމަސޫޓިކަލްސް އިން ވަނީ ބުނެފައެވެ.