ޚަބަރު

ކަނދުފަތިކައިރީ ގަވައިދާ ޚިލާފަށް މަސްބާނާ މީހުންނާ މެދު ކޯސްޓްގާޑުން ފިޔަވަޅު އަޅަނީ

މަރިޔަމް ޝަހުދާ

ސަރުކާރުން ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތިކައިރީ ގަވައިދާ ޚިލާފަށް މަސްބާނާ މީހުންނާ މެދު ކޯސްޓް ގާޑުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތިތައް ކައިރީ ދޮށީގެ މަސްވެރިކަން ކުރާ ކުރާ ފަރާތްތައް ނޫން އެހެން ފަރާތްތަކުން މަސްވެރިކަން ކުރާކަމުގެ ޝަކުވާ ފަހަކަށް އައިސް އެ މިނިސްޓްރީއަށް އަންނަނީ ލިބެމުންނެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ އޮއިވާލި ކަނދުފަތި ތަކަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ބަލަހައްޓަމުން އަންނަ ދޮށީގެ މަސްވެރިކަމަށް ވަރަށް މުހިއްމު ވަސީލަތެއް ކަމަށެވެ. އަދި އޮއިވާލި ކަނދުފަތިތަކުގެ ވަށައިގެން 3 މޭލުގެ ސަރަހައްދެއްގައި ވަދު އެޅުން، ވަދުދެމުން އަދި ދިރޭ އެންޖަހައިގެން އަޑިއަށް ފައްތައި، މަސްވެރިކަން ކުރާ ފަރާތްތަކާމެދު ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން ފިޔަވަޅު އަޅަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.