އުރީދޫ

އުރީދޫ އަތޮޅު ދުވުން: ރެޖިސްޓްރީ ވެފައިވާ ދުވުންތެރިން ދުވުން ފުރިހަމަ ކުރުމުގެ މުއްދަތު މާދަމާގެ ނިޔަލަށް

މަރިޔަމް ޝަހުދާ

އުރީދޫ މޯލްޑިވްސް އަށް 15 އަހަރު ފުރުމުގެ މުނާސަބާގައި އުރީދޫން ބާއްވާ ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރިލޭ، "އުރީދޫ އަތޮޅު ދުވުން"ގައި ބައިވެރިވުމަށް ރެޖިސްޓާ ކޮށްފައިވާ ދުވުންތެރިންނަށް ދުވުން ފުރިހަމަ ކުރުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އިއްޔެ އުރީދޫން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މި ނިންމުމަކީ މި 5K ދުވުމުގައި ރަޖިސްޓްރީވެފައިވާ ބައެއް ދުވުންތެރިންގެ އެދުމުގެ މަތިން، އެމީހުންގެ ދުވުން ފުރިހަމަ ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދުވުންތެރިން މި ދުވުމުގައި ބައިވެރިވެފައިވާ ކަމަށާއި، ރެޖިސްޓާ ވެފައިވާ ދުވުން ތެރިންނަށް މިއީ އިތުރު ފުރުސަތެއް ކަމަށް އުރީދޫން ފާހަގަ ކުރެއެވެ.

އުރީދޫން މީގެ ކުރިން ވަނީ މި ދުވުމުގައި ރެޖިސްޓާ ވުމުގެ މުއްދަތު ހުކުރު ދުވަހުގެ ރެއަށް އިތުރު ކޮށްފައެވެ. އަދި މިހާތަނަށް ގިނަ ބަޔަކު މި ދުވުމުގައި ބައިވެރި ވެފައިވާ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

މީގެ ކުރިން އުރީދޫން ވަނީ ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ ހާލަތުގެ ގޮތުން އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ ކަލާ ރަން ބޭއްވުމަށް އުނދަގޫވެފައިވާ ކަމަށް ބުނެފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އުރީދޫ އަތޮޅު ދުވުން ފަދަ ރަން އެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން ކަމަށް އުރީދޫއިން ބުނެފައިވެއެވެ.