އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލާނިން ސެންޓަރު ރާއްޖެގެ ފަސް ސަރަހައްދެއްގައި އަންނަ އަހަރު ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.
މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އައިޝަތު ޚަލީލާ އަބްދުއްސައްތާރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ފުވައްމުލަ ސިޓީއާއި ޅ. ނައިފަރާއި ހދ. ކުޅުދުއްފުށްޓާއި ނ. ފުނަދޫ އަދި ގދ. ތިނަދޫގައި ލާނިން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ގިނަ ސަރަހައްދުތަކެއްގައި ލާނިން ސެންޓަރުތައް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ ސަރަހައްދުތަކުގެ ކައުންސިލުން އަޅުގަނޑުމެންނަށް ސިޓީ އެބަ ފޮނުވާ އެބޭފުޅުންގެ ރަށްރަށުގައި އަޅުގަނޑުމެންގެ ލާނިން ސެންޓަރު ގާއިމުކޮށްދީ ޕްރޮގްރާމްތައް ފަށައިދިނުމަށް،" އޭނާ ވިދާޅުވިއެވެ.