ފޮރިން މިނިސްޓްރީ

މާދަމާއިން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް ޔޫއޭއީއަށް ދަތުރުކުރެވޭނެ: ފޮރިން މިނިސްޓްރީ

ޝަހީދާ އަބްދުﷲ ސައީދު

މާދަމާއިން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް ޔޫއޭއީއަށް ދަތުރުކުރެވޭގޮތް ހަމަޖެހިފައިވާ ކަމަށް ފޮރިން މިިނިސްޓްރީންް ބުނެފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު ވިދާޅުވީ މިމަހުގެ 28އިން ފެށިގެން ވިސާއާ ނުލައި ޔޫއޭއީއަށް ދަތުރުކުރެވޭ ގޮތް އެގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށާއި ނަމަވެސް ބައެއް ކަހަލަ ކުދި މައްސަލަތައް ހުރުމުން ފޮރިން މިނިސްޓްރީން އިތުރަށް ޗެކްކުރުމަށް ވަގުތު ހޭދަވެގެން ދިޔަކަމަށެވެ.

އަދި މާދަމާއިން ފެށިގެން ވިސާއާ ނުލައި ދަތުރުކުރުމަށް މިހާރު ހުރިހާކަމެއް ހަމަޖެހިފައިވާކަމަށް ހަލީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް މިހާރު އަންގާފައިވާ ކަމަށެވެ.

ހަލީލު ވިދާޅުވީ ޔޫއޭއީއަށް ދަތުރުކުރުމަށް އެއްމަސްދުވަހުގެ އޮން އެރައިވަލް ވިސާ ހިލޭ ލިބޭނެ ކަމަށާއި ނަމަވެސް އެހެން ބޭނުންތަކަށް ވިސާ ނަގާއިރު ފައިސާ ދައްކަން އަދިވެސް ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ހަލީލު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ ގޮތް ހެދުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގަލްފުގެ އެހެން ބައެއް ގައުމުތަކަށް ވެސް ދިވެހިންނަށް ވިސާ އާނުލާ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށް ވެސް ހަލީލު ވިދާޅުވިއެވެ.