ޚަބަރު

މާލޭގައި އަލިފާނުގެ ހާދިސާތައް ގިނަވަމުން ދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

މަރިޔަމް ޝަހުދާ

ފަހަކަށް އައިސް މާލޭގައި އަލިފާނުގެ ހާދިސާތައް ގިނަވަމުން ދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މާލެ ތެރޭ ހިނގާ އަލިފާނުގެ ހާދިސާތައް ގިނަވެފައި ވާތީ އެމްއެންޑީއެފުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެފް.އާރު.އެސްގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ މި ދުވަސްވަރު މާލެތެރޭގައި ގިނަ އަދަދަކަށް އަލިފާނުގެ ހާދިސާ ހިނގާކަމާއި ގިނަފަހަރަށް މިފަދަ ހާދިސާތައް ހިނގަނީ ގޭސް ލީކުވުމުގެ ސަބަބުން ނުވަތަ ކަރަންޓް ޝޯޓުގެ ސަބަބުން ކަމަށެވެ.

ޒުހުރީގެ ވިދާޅުވިގޮތުގައި އެމްއެންޑީއެފުން ވަނީ ކަރަންޓް ޝޯޓުވުމުގެ ސަބަބުން ނުވަތަ އޯވާލޯޑް ވުމުގެ ސަބަބުން ކުރިމަތިވާ ހާދިސާތަކާއި ގުޅޭގޮތުން ސްޓެލްކޯއާ މަޝްވަރާކޮށްފައެވެ. ވަޔަރިންގް މަސައްކަތަށް އެޕްރޫވް ކުރާ ކޮލިޓީގެ އެއްޗެހި ބޭނުން ނުކުރާކަމާއި، ކޮންޓްރެކްޓަރުން މަސައްކަތް ކުރުމުގައި ބަހައްޓަން ޖެހޭ ވަރަށް ފަރުވާ ނުބަހައްޓާ މަސައްކަތް ކުރާކަން ސްޓެލްކޯއިން ފާހަގަކުރިކަމަށް ޒުހުރީ ވިދާޅުވިއެވެ. އެކަމަށް ހައްލެއްގެ ގޮތުގައި މި ފެށޭ އަހަރު ސްޓެލްކޯއާއި އެމްއެންޑީއެފް ގުޅިގެން ޕީރިއޮޑިކް ކޮމްޕްލެއިންސް ޗެކް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޒުހުރީ ވިދާޅުވިއެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ފާއިތުވި އަހަރަށް ވުރެ މިއަހަރު އަލިފާނުގެ ހާދިސާ މަދުކަމަށް ޒުހުރީ ފާހަގަކުރެއްވިއެވެ. އެ ގޮތުން 2017 ގައި 119 އަލިފާނުގެ މައްސަލައެއް އެމްއެންޑީއެފަށް ލިބިފައިވާއިރު މިއަހަރު ލިބިފައިވަނީ 105 އަލިފާނުގެ މައްސަލައެވެ.

ޒުހުރީ ވިދާޅުވީ ގޭސް ލީކުވުމުގެ 65 ހާދިސާއެއް ވެސް މިއަހަރު ތެރޭ ހިނގައިފައިވާއިރު އޭގެ ތެރޭ ހިމެނެނީ ނުރައްކާތެރި ތިން މައްސަލައެއް ވެސް ހިމެނޭ ކަމަށެވެ. އަދި ގޭސް ލީކުވެގެން ދިމާވާ ގިނަ ހާދިސާ ތަކަކީ ރަނގަޅަށް އެކަމަށް ފަރުވާތެރި ވެއްޖެނަމަ ރަނގަޅު ކުރެވޭނެ ކަންކަން ކަމަށް ޒުހުރީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒުހުރީ ވަނީ އާއަހަރުގެ ޗުއްޓީއަށް ރަށުން ބޭރަށް ދާއިރު، ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފާނެ ކަމެއް ހުރިތޯ ޗެކްކޮށް އެކަން ރަނގަޅު ކުރުމުގެ އިތުރުން ގެ ރަނގަޅަށް ތަޅުލުމަށް ފަހު ދިއުމަށް އިލްތިމާސްކޮށްފައެވެ