ޚަބަރު

ދަނޑުވެރިން ތަމްރީންކުރުމުގެ އިންޓާންޝިޕް ޕްރޮގްރާމްގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޖައިޝަން

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނު ހޯދައި އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިންޓާންޝިޕް ޕްރޮގްރާާމްގައި ބައިވެރިވާ ފަރާތްތަކަށް ހަ މަހުގެ ތަމްރީން ފޯރުކޮށްދޭނެ ކަމަށެވެ.

އެ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުންނަ ހަ ފަރާތަކަށް ތަމްރީން ދޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އިންޓާންޝިޕްގެ ފުރަތަމަ ހަތަރު މަހުގައި އެ ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީނު ފޯރުކޮށްދޭނީ ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބާކީ ދެ މަހުގެ ތަމްރީން ކުރިއަށްދާނީ ދަނޑުވެރިކަމަށް ދިގު މުއްދަތަށް ދޫކޮށްފައިވާ ރަށެއްގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ފުރުސަތަކީ އަންނަ މަހުގެ 17 ކަމަށެވެ.