ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފިއެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޑިޕާޓްމަންޓުން ވަކި ގޮތެއް އަންގަންދެން ފޯމު ބަލައިގަތުން މިހާރު ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ.
އޮންލައިންކޮށް ރެކޯޑު ސާފުކުރުމަށް ފޯމު ހުށަހަޅާ އިރު، މައުލޫމާތުތައް އަދި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ހުށަހެޅުމަށް އެދޭ ކަމަށް ވެސް ޑީޖޭއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
ޑީޖޭއޭ އިން ބުނީ އެ މައުލޫމާތު ހިމަނައިގެން ޕީޑީއެފް ކޮޕީއެއް [email protected] އަށް އީމެއިލްކުރުމުން ރެކޯޑު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި އަދި ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް އެފަރާތަކަށް ޖަވާބު ފޮނުވޭނެ ކަމަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ، 3340811/3340812 ނަންބަރު ފޯނާ ގުޅުމަށް ވެސް ޑީޖޭއޭ އިން އެދެއެވެ.
ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މީގެ ކުރިން ވެސް ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭ ގޮތަށް ޑީޖޭއޭ އިން ހަމަޖެއްސިއެވެ. ނަމަވެސް އާ އާންމު ހާލަތުގައި އޮފީސްތައް ހުޅުވުމާއެކު، ޑީޖޭއޭއަށް ގޮސް އެ ހިދުމަތަށް އެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.