ޚަބަރު

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދައިފި

"ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފިއެވެ.

ގާނޫނު ނަންބަރު 2015/28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު)ގެ 26 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އުފެއްދެވި މި އޮތޯރިޓީ އުފެއްދެވުމާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގާގޮތަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު" މިއަދު ވަނީ އުވާލައްވައިފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދާފައިވަނީ ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކުރުމާއި އެކަމުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ހާއްސަ އަހައްމިއްޔަތެއް ދީގެން ޤައުމީ، އަތޮޅުތަކުގެ، ރަށްރަށުގެ އަދި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި އަމިއްލަ މުއައްސަސާތަކާއި މިނޫނަސް ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާ ގުޅުންހުރި އެހެނިހެން ފަރާތްތައް ލައްވައި، ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމުގައި ގުޅިލާމެހިފައިވާ އަދި ވިލަރެސް ކުރެވިފައިވާ ނިޒާމެއް ކުރިއެރުވުމަށެވެ.