މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމު ގާއިމުކޮށްފިއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ބުނީ، ނ. މާފަރުގައި ތަރައްގީކުރެވުނު އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބޯޑާ ކޮންޓްރޯލް ނިޒާމުގެ މަސައްކަތް އެ މިނިސްޓްރީއާއި އެންސީއައިޓީގެ މުވައްޒަފުން ގުޅިގެން ނިންމާލައިފައިވާ ކަމަށެވެ.
މި މަސައްކަތްތައް ފުރިހަަމަކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ، ބޯޑާ ކޮންޓްރޯލް ނިޒާމު މާފަރުގައި ގާއިމުކުރެވުމާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި މި ހިދުމަތް ފުރިހަމައަށް ލިބެން ހުންނާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަރުދަނާކޮށް ނިމިފައިވާ ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްގީއާއެކު މަސައްކަތްކުރާ ނިޒާމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ނިޒާމު ގާއިމުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ގޮތް ވުމަކީ ގައުމުގެ މިވަގުތު ހާލަތަށް ބަލާއިރު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަކަން ކަމަށާއި މި ހަރުކުރެވުނު އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް އެންސީއައިޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. ބޮޑެތި ބޯޓުތަކަށްވެސް ޖެއްސޭ ގޮތަށް ފަރުމާކޮށްފައިވާ މާފަރު އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.