ޚަބަރު

ދެ މައްސަލައެއް ބަލާނީ އާންމުންނަށް ހުޅުވާލައިގެން: ސުއޫދު

އަހުމަދު ޖައިޝަން

އާންމުންނަށް ހުޅުވާލައިގެން މަދުވެގެން ދެ މައްސަލައެއްގެ ތަހުގީގުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުސްނުއްސުއޫދު ވިދާޅުވީ ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން އެ މައްސަލަތައް ދިމާވާން މެދުވެރިވި ސަބަބު ހޯދަން ޕަބްލިކް އެންކުއަރީއަށް މައްސަލަތައް ގެންދަން ވިސްނާ ކަމަށެވެ.

"...މައްސަލަތަކަކީ ހަމަ އަސްލުވެސް ފަރުވާ ދޭން ޖެހޭނެ ގޮތަށް ފަރުވާ ނުދީގެންތޯ ނުވަތަ އެކަމަށް އިހުމާލުވެގެންތޯ ނުވަތަ ނެޗުރަލް ޑެތު އެއްތޯ މިކަހަލަ ކަންތައްތައް ވަޒަންކުރަން އެބަ ޖެހޭ. އެ ކިހިނެއްތޯ އެކަމެއް މެދުވެރިވަނީ. ނިޒާމުގެ ހުރި މައްސަލައަކުންތޯ. އެކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން އެބަ ވިސްނަން ޕަބްލިކް އެންކުއަރީއަށް ގެންދަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައެއް މައްސަލަތަކުގައި އާންމުންގެ ފަރާތުން ވަރަށް ގިނަ މައުލޫމާތެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުތަކަކީ ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ކަމަށް ހުސްނުސުއޫދު ފާހަގަކުރެއްވި އެވެ.

"އޭގެ ސަބަބުން އަޅުގަނޑުމެންނަށް އޯވަރއޯލް އަންޑަސްޓޭންޑިން މައްސަލައިގެ މަންޒަރެއް ކުރެހޭ ކަހަލަ ގޮތަކަށް އެބަ ދޭ،" ސުއޫދު ވިދާޅުވިއެވެ.