ކުއްޖާގެ ރުހުމާއެކުވެސް ނުކުރުވޭނެ 17 ބާވަތެއްގެ މަސައްކަތެއް ބަޔާންކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އާންމު ގަވައިދު އެކުލަވާލައި ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވައިދުގައި ބުނެފައިވަނީ ކުއްޖާއަށް ތައުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ސިއްހަތަށް، ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފުސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވައިފާނެ ފަދަ މަސައްކަތްތަކުން ރައްކައުތެރިކަން ލިބުމުގެ ހައްގު ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އެގޮތުން އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުވުމަށް ގެންގުޅުމަކީ މަނާކަމެއް ކަމަށް އެ ގަވައިދުގައިވެއެވެ.
ގާނޫނު ހުއްދަކުރާ ހާލަތުގައި އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ރުހުމާއެކު އާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ބައިވެރިވުން އެ އުސޫލުން އިސްތިސްނާވާނެއެވެ. ނަމަވެސް އާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ކުއްޖާ ބައިވެރިކުރުން ހުއްދަވާނީ އެ މަސައްކަތަކީ ކުއްޖާއަށް ތައުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ސިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފުސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވައިފާނެ ފަދަ މަސައްކަތެއް ކަމުގައި ނުވާނަމައެވެ.
ގަވައިދުގައި ކުޑަކުދިން ބައިވެރިކުރެވޭނީ އެ ކުއްޖާގެ ސިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފުސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް ގެއްލުމެއް ނުލިބޭނޭ އަދި ނުރައްކާތެރި ނުވާނެ ފަދަ، ކުއްޖާގެ ތައުލީމަށް ހުރަސްނޭޅޭނެ ނުވަތަ ކުއްޖާއަށް ތައުލީމު ހާސިލުކުރުމުގެ މަންފާއިން އެ ކުއްޖަކު މަހުރޫމް ނުކުރުވާ ފަދަ ލުއި މަސައްކަތްތަކުގައި އެކަނި ކަމަށެވެ. އަދި ތަމްރީނު ދިނުމުގެ ބޭނުމުގައިވިޔަސް ނުވަތަ އާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައިވިޔަސް، ވަކި ބާވަތްތަކުގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމަކީ މަނާކަމެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވައިދުގައި ބުނީ ކުދިން ލައްވައި ކުރުވުން މަނާ މަސައްކަތްތައް ކުއްޖަކު ލައްވައި ކުރުވާ ފަރާތެއްގެ މައްޗަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. އެގޮތުން ގަވައިދުގައިވާ ކަންކަމާ ހިލާފުވާ ކޮންމެ ފަހަރަކު 2000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޖިނާއީ އަމަލެއް ކުޑަކުއްޖަކާ ދެކޮޅަށް ކޮށްފައިވާކަމަށް ބެލެވޭނަމަ، އެފަދަ މައްސަލައެއްގެ މައުލޫމާތު ލިބޭތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖިނާއީ ގޮތުން އެ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި ޖެންޑާގެ ފަރާތުން ފުލުހުންނަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ގަވައިދުގައިވެއެވެ.
އެ ގަވައިދުގައި ވަނީ ކުއްޖާގެ މައިންބަފައިން ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަންވެސް ހިމަނައިފައެވެ. އެގޮތުން ކުއްޖެއްގެ އުފަންވުން ގާނޫނުގައިވާ ގޮތުގެ މަތިން އެ ކުއްޖާގެ މައިންބަފައިން ރަޖިސްޓަރީ ނުކޮށްފިނަމަ، އެ ކުއްޖާއާ މެދު އިހުމާލުވީ ކަމުގައި ބަލައި، އެ ކުއްޖެއްގެ މައިންބަފައިންގެ މައްސަލަ، ފުލުހުންނަށް ހުށަހަޅަން ޖެހޭނެ ކަމަށާއި ޖިނާއީ އަމަލަކަށް ނުވާ ގޮތަށް ކުޑަކުދިންނާ މެދު އިހުމާލުވާ މައިންބަފައިންނާއި ބެލެނިވެރިންގެ މައްޗަށް އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ޖެންޑާ މިނިސްޓަރަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.
މި ގަވައިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ގަވައިދު ޝާއިއުކުރާތާ ތިން މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. ގެޒެޓުގައި އެ ގަވައިދު ޝާއިއުކޮށްފައިވަނީ އިއްޔެއެވެ.