މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ހުށަހަޅާފައިވާ ހުރިހާ މައްސަލަތަކެއް އަންނަ އަހަރުގެ އޭޕްރިލް ނިމެންވާއިރު ނިންމާލެވޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާ މައްސަލަތަކުގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ އޭޕްރިލް މަސް ނިމެންވާއިރަށް ހުރިހާ މައްސަލަތަކެއް ބަލާ ކޮމިޝަން ނިމުމަކަށް ގެނައުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުވެސް އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
"ފަސް މައްސަލައެއްގެ މަސައްކަތް ވަރަށް ބާރަށް ގެންގޮސް އޭގައި އެދެވޭ ނަތީޖާތަކާ ހަމައަށް ވާސިލްވެ ކުރިއެރުންތަކެއް ހޯދިފައިވޭ،" އޭނާ ވިދާޅުވިއެވެ.
އަދި ކޮމިޝަނުން މަސައްކަތް ކުރިއަށް ގެންދާގޮތާ މެދު ސުއޫދު ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ. އެގޮތުން ކޮމިޝަނުން މަސައްކަތް ކުރަނީ ހަމައެކަނި މެމްބަރުން އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައި ނޫން ކަމަށާއި އެކި ފަރާތްތަކާ ގުޅިގެން ކަމަށް ސުއޫދު ވިދާޅުވިއެވެ.