ޚަބަރު

ހަދަމުންދާ އިމާރާތަކުން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް

މަރިޔަމް ޝަހުދާ

ހުޅުމާލެގައި ހަދަމުންދާ އިމާރާތަކުން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ 27 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މިމީހާާ އިމާރާތުން ވެއްޓުމާއެކު ވަނީ ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު މި މީހާ ވަނީ އައިޖީއެމްއެޗްއަށް ބަދަލު ކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދައިން މައުލޫމާތު ދޭ ގޮތުގައި މިމީހާ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވަނީ އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ. ބޮލަށް ލިބިފައިވާ އަނިޔާގެ އިތުރުން މިމީހާގެ އަތުގައިި އޯޕަން ފްރެކްޗަރއެއް އިން ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު މެންދުރުފަހު ހިނގި މިހާދިސާ އާގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިމަހު ވަނީ މާލޭގައި އިމާރާތް ކުރަމުން ދިޔަ އިމާރާތަކުން ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު ޒަހަމްތަކުގައި އެ ކުއްޖާ ވަނީ މަރުވެފައެވެ. އޭގެ ފަހުން މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަނީ އިމާރާތް ކުރަމުންގެންދާ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ބެލުމަށް ފަށައިފައެވެ.