ޚަބަރު

ރައުދާގެ މައްސަލައާ އެކު 24 މައްސަލައެއް ރިޔާސީ ކޮމިޝަނުން ބަލަނީ

ޝަހީދާ އަބްދުﷲ ސައީދު

ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފްގެ މައްސަލަ ހިމަނައިގެން 24 މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރައުދާގެ މަރުގެ މައްސަލައިގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލަ އާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ އާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ މަރާލި މައްސަލަ ވެސް ބަލަން ނިންމައިފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އޭގެއިތުރުން ރ. މީދޫ، މުހައްމަދު އަނަސް މަރާލި މައްސަލައާއި ޖަލުގައި މަރުވި ދެ ގައިދީއެއްގެ މައްސަލަވެސް ބަލަން ނިންމާފައިވާ ކަމަށް ހުސްނުސުއޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތަކަށް ބޭރުގެ އެހީ ކޮމިޝަނުން ހޯދާނެ ކަމަށެވެ. އެގޮތުން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީ ވަރަށް އަވަހަށް ލިބޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތަކަކީ އެ ފަރާތްތަކުގެ އާއިލާގެ ހުއްދަ ހޯދައިގެން ބަލާ މައްސަލަތައް ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އެއީ އެ ކޮމިޝަނަށް މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ވުން ކަމަށް އޭނާ ވިދާޅުވިއެވެ.