ޚަބަރު

އަޅައިލާނެ މީހަކު ނެތް އުމުރުން ދުވަސްވީ އެއްމާބަނޑު ދެބޭން އައްޑޫގައި

އައްޑޫ ސިޓީ ހުޅުދޫގައި އަޅައިލާނެ މީހެއްނެތި އުޅޭ އުމުރުން ދުވަސްވީ އެއްމާބަނޑު ދެބޭންގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

80 އަހަރުން މަތީގެ މިދެބޭންގެ ފޮޓޯ އާންމުކުރި މީހާ ވަނީ މިދެބޭން އެކަނިމާއެކަނި އުޅޭތާ މިހާރު ފަންސާހަކަށް އަހަރު ވެފައިވާ ކަމަށް ބުނެފައެވެ. އަދި މި ދެމީހުންނަކީ ފިރިއެއް ދަރިއެއްނެތް އެކަނިވެރި ދެމީހުން ކަމަށް ވެސް އެމީހާ ވަނީ ބުނެފައެވެ. މީގެ އިތުރުން މި ދެބޭން ބެލުމަށް ބިދޭސީ މީހަކު ހުރި ނަމަވެސް އެ މީހާ އެކަމަށް ފަރުވާކުޑަ ކުރާކަމަށްވެސް އެ ފޮޓޯއާއެކު އާންމު ކުރި މައުލޫމާތުގައި ވެއެވެ.

މިކަމާ ގުޅެ ގޮތުން ޖެންޑާ މިނިސްޓްރީން ވަން އޮންލައިންއަށް މައުލޫމަތު ދެމުން ވަނީ މައްސަލަ ބަލަމުންދާކަމާއި މައްސަލައާއި ބެހޭގޮތުން ތަފްސީލެއް ދެވެން ނެތް ކަމަށް ބުނެފައެވެ. މިކަމާގުޅޭ ގޮތުން އައްޑޫ ސިޓީގެ ކައުންސިލުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.