ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މައުސޫމް، ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މިމަހުގެ ހަވަނަ ދުވަހުއެވެ. އަދި މައުސޫމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވީ، މިމަހުގެ ނުވަނަ ދުވަހުއެވެ.
މައުސޫމް، ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރުމުންނެވެ. އޭގެ ފަހުން އެ މިނިސްޓްރީގެ ކަންކަން ވަގުތީ ގޮތުން ހަވާލުކޮށްފައި އޮތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ މައުސޫމަށް ރުހުން ދޭން ފެންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ނިންމައިފައެވެ.
މަދާމާގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމަށެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު މައުސޫމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި އެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީ ސްކޫލް އޮފް ޕަބްލިސިޓީން ޑޮކްޓަރު އޮފް ފިލޯސޮފީ ފުރިހަމަކުރެއްވި މައުސޫމަކީ ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ދިވެއްސެވެ. އޭގެ އިތުރުން ހޮޓެލް މެނޭޖްމަންޓު ދާއިރާ އިން މާސްޓާސް ވެސް އޭނާ ހައްދަވާފައިވާ އިރު، މައުސޫމް ވަނީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.
މައުސޫމް އެންމެ ފަހުން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި ކޮމަންވެލްތު އޮފް އޮސްޓްރޭލިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި ނިއުޒިލޭންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން މައުސޫމް ވަނީ އެ މަގާމުތަކުން ވަކިކުރައްވައިފައެވެ.