ޚަބަރު

ހިޔާ މަޝްރޫއުގެ މަސައްކަތް އަންނަ ނޮވެމްބަރުގައި ނިމޭވަރު ވާނެ : މިނިސްޓަރު

އަހުމަދު ޖައިޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކޮށްފައިވާ "ހިޔާ" މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ ލަފާކުރެވެނީ އަންނަ އަހަރުގެ ނޮވެމްބަރުގައި އެ މަސައްކަތް ނިމެނޭ ކަމަށާއި އެ މަސައްކަތް ނިމެންވާއިރަށް ހައުސިން މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ނިންމާލުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ އެ މަސައްކަތް ނިމިގެންދާއިރު އެ ސަރަހައްދުގައިވެސް ކުރަން ހުރި މަސައްކަތް ކުރެވޭތޯ. އެއީ ބޭފުޅުން އެތަން ރެޑީކުރާއިރު ހުރިހާ މަސައްކަތެއް ނިންމާލުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އާތިފާ ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތް ނިމެންވާއިރަށް ހިޔާ މަޝްރޫއުގައި މައްސަލައެއް ހުރިތޯ ބަލައި އެހުރިހާ ކަމަކަށް ހައްލުތައް ގެންނާވާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގައި ހުރި މައްސަލަތައް ބެލުމަށް މިހާރު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެކަންތައްތައް ބަލާނީ ކޮމިޓީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކޮށްފައި ވަނީ މިދިޔަ މަހުއެވެ.