އިންޑިއާގެ ހިމާލިއަން ފަރުބަދަމަތީ، ހިތްގައިމު ސިއްކިމް އަވަށުގައި ހެދި އެއާޕޯޓް "ޕަކްޔޮންގ އެއާޕޯޓް" ހުޅުވައިފިއެވެ. 4590 ފޫޓު އުސް ފަރުބަދަމަތީ ސަރަހައްދުގައި ހުޅުވިގެންދިޔަ އެ އެއާޕޯޓަކީ އިންޑިއާގައި މިހާރު އޮޕަރޭޓު ކުރާ 100 ވަނަ އެއާޕޯޓެވެ.
ޕަކްޔޮންގ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީއެވެ. އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އެ އެއާޕޯޓުން އިންޑިއާގެ އިންޖިނިއަރުންގެ މޮޅުކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.
އެއާޕޯޓުގެ މަސައްކަތް ހިނގަމުން ދިޔަ ދުވަސްވަރަކީ ވިއްސާރަ ދުވަސްތަކަކަށް ވެފައި ބޯވާރޭގައި އެއާޕޯޓް ހެދުމަށް ކައިރި ސަރަހައްދުތަކުން ފަރުބަދަތައް ކަނޑައި ސާފު ކުރުމުގެ މަސައްކަތް ކުރިކަމަށް މޯދީ ފާހަގަ ކުރެއްވިއެވެ. އަދި އިންޖިނިއަރުންނަށް ޝުކުރު ދަންނަވައި ހިތްވަރު ދެއްވިއެވެ.
ޕަކްޔޮންގ އެއާޕޯޓްގައި 17 ކިލޯމީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، އެއްފަހަރާ 100 މީހުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލްއެއް ވެސް ވަނީ އިމާރާތް ކޮށްފައެވެ. އަންނަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެ އެއާޕޯޓަށް ފްލައިޓު ދަތުރުތައް ފަށާނެއެވެ.
68.7 މިލިއަން ޑޮލަރުގެ އެ އެއާޕޯޓްގެ އެންމެ ހާއްސަ ކަމަކީ ވަށައިގެންވާ ހިތްގައިމު މާހައުލެވެ. އެއާޕޯޓުގެ ސަބަބުން އެ ސަރަހައްދުގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.