ކުރީގެ ސަރުކާރުން ތައާރަފުކޮށްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކަމަށްވާ ގުޅީފަޅު މަޝްރޫއާއި "ހިޔާ" މަޝްރޫއުގައި ހުރި މައްސަލަތައް ބެލުމަށް ކޮމިޓީއެއް އުފައްދާފައިވާ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ މިނިސްޓްރީގެ ލަފާގެ ދަށުން ސަރުކާރުން އެ ކޮމިޓީ އުފައްދާފައިވާއިރު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކޮމިޓީގެ މައުލޫމާތު އާންމުކުރާނެ ކަމަށެވެ.
"މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުން ދާނީ މިނިސްޓްރީގެ ދައުރު އޮވެގެނެއް ނޫން. މިކަމުގައި އަޅުގަނޑުމެންގެ އިތުރު ދައުރެއް ނޯންނާނެ، އެބޭފުޅުން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވެއްޖެ ހާލަތެއްގައި ފިޔަވައި،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮމިޓީ އެކުލަވާފައިވާއިރު އެ ކޮމިޓީގެ މަސައްކަތްތައް ފެށުމުން މަޝްރޫއުތަކާ ގުޅޭގޮތުން ހުރި ހުރިހާ ލިޔެކިޔުންތައް ހަވާލުކުރާނެ ކަމަށް މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކި މައްސަލަތަކުގައި ކޮމިޓީން ދޭ ލަފާގެ މަތީން ހައުސިން މިނިސްޓްރީން އަމަލު ކުރައްވާނެ ކަމަށެވެ.