ދިވެހި ބޭސްވެރިކަން ތަރައްގީކޮށް ކުރެއުރުވުމާ ގުޅޭގޮތުން ކުރާނެ މަސައްކަތްތައް ބެލުމުގެ ގޮތުން ބާއްވާ މަހާސިންތާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހު ކުރައްވައިފި އެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަހާސިންތާ ރަސްމީކޮށް އިފްތިތާހުކުރައްވާފައިވާއިރު ދިވެހި ބޭސްވެރިކަމާއި އޯލްޓަނޭޓިވް ބޭސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެ މަހާސިންތާގައި ބައިވެރިވާނެއެވެ.
އެ މަހާސިންތާގައި ދިވެހި ބޭސްވެރިކަން ތަރައްގީ ކުރުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި އެ ދާއިރާގައި ރަނގަޅުކުރުމަށް ހުރި ކަންތައްތަތަކާ މެދު މަޝްވަރާކޮށް ޕްލޭންތައް ހަދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ތަކެއްޗާއި ފޮތްތައް ދައްކައިލުމުގެ ގޮތުން އެގްޒިބިޝަނެއް ވެސް ވަނީ އެ މަހާސިންތާގައި ހުޅުވައިފައެވެ.
އެ މަހާސިންތާ އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަހާސިންތާގައި އެއްބަސްވާ ކަންތައްތައް އިމްޕްލިމެންޓުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.