ޚަބަރު

ފްލެޓް ނުލިބުނު މީހުންނަށް ދެ ގޮތެއް، ބަދަލު ދިނުމުގެ އެއްބަސްވުމުގައި ބުރާސްފަތީގެ ކުރިން ސޮއިކުރަން އަންގައިފި

ގުޅިފަޅުން ފުލެޓް ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑުން ދިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ފުލެޓް ދިނުމަށްޓަކައި ދެ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ދީ، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސޮއިކުރަން ހައުސިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިިޑްގެ ފްލެޓަށް ހޮވުނު ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ބަދަލުގެ ގޮތުގައި ދެ ގޮތެއް ހުށަހަޅާފައިވެ އެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ 6720 ފުލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފުލެޓެއް ހޯދުން ނުވަތަ މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހޯދުމެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ އެ ދެ ގޮތުން ކުރެ ގޮތެއް އިހުތިޔާރުކުރުމުގެ ލިޔުމުގައި ސޮއި ނުކުރާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ 1:00 ކުރިން އެ މިނިސްޓްރީއަށް ހާޒިރުވެ ސޮއިކުރުމަށް އެދިފަ އެވެ. ލިޔުމުގައި ސޮއިކުރުމުގެ ފުރުސަތު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ކުން 1:00 ހަމަޖެހިފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 18 އާއިލާއަކަށް ހުޅުމާލޭން ފްލެޓް ދީފައިވެ އެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ އިންތިޒާރުގައި 140 އާއިލާއަކުން އަދިވެސް ތިބިއިރު، ގުޅިފަޅު ފްލެޓް ގަތުމަށް އެ އާއިލާތަކުން 50 މިލިއަން ރުފިޔާއަށްވުރެ ގިނައިން އެ މީހުން އިންވެސްޓް ކުރިއެވެ. އެމީހުންނަށް މިހާތަނަށް ބަދަލެއް އަދި ފްލެޓެއް ވެސް ލިބިފައެއް ނުވެ އެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅިފަޅުން ހައުސިން ޔުނިޓް ބޭނުންވެގެން ފައިސާ ދައްކައި، ހައުސިން ޔުނިޓް ލިބިފައި ނެތް އާއިލާތަކަށް ސަރުކާރުން ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

ގުޅިފަޅުން ފްލެޓް ގަންނަން ފައިސާ ދައްކާފައިވާ މީހުންނަށް ހައުސިން ޔުނިޓް ދޭން ގޮތްތައް:

• 1) 1 ހައުސިންގް ޔުނިޓު މި އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ލިބޭނެގޮތެއް ހަމަޖައްސައި ދިނުން • 2) ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން، ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ހައުސިންގް ޔުނިޓެއް ގަތުމުގެ ފުރުސަތު އެ ފަރާތްތަކަށް ދިނުން • 3) ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދު ހައުސިން ޔުނިޓު ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުން އުނިކުރުން • 4) 140 ފަރާތެއް ބޯހިޔާވަހިކަމަށް 2017-2020 ޑިސެންބަރަށް ކޮށްފައިވާ ކުލީގެ ހަރަދުގެ ބަދަލުގައި މަހަކު 12،000 ރުފިޔާގެ ރޭޓުން ބަދަލު ދިނުން. ބަދަލަށް ދެވޭނެ އެންމެ މަތީ އަދަދަކީ 432،000 ރުފިޔާ • 5) ހައުންސިންގް ޔުނިޓަށް ދައްކާފައިވާ ފައިސާ އާއި ބަދަލުގެގޮތުގައި ސަރުކާރުން ދޭ މިންވަރު ހައުސިން ޔުނިޓުގެ އަގުން އުނިކުރުމަށްފަހު، ބާކީވާ އަދަދު 20 އަހަރު ދުވަހަށް ބަހާލައިގެން ދައްކާ ހަލާސްކުރުން • 6) ގަންނަ ހައުސިން ޔުނިޓުގެ އަގު ދައްކާފައިވާ ފައިސާއަށްވުރެ ކުޑަނަމަ، އެ އިތުރުވާ ފައިސާގެ އަދަދު އެފަރާތަކަށް ދިނުން • 7) ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ހައުސިން ޔުނިޓު އިހްތިޔާރު ނުކުރާނެ ފަރާތްތަކަށް، ތިން ކޮޓަރީގެ ހައުސިން ޔުނިޓު ބޭނުންނަމަ އެ ފަރާތްތަކަށް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެ ފުރުސަތު ފަހިކޮށްދިނުން. • 8) ތިން ކޮޓަރީގެ ހައުސިންގ ޔުނިޓު އިޚްތިޔާރުކުރާ ފަރާތްތަކަށް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހައުސިން ޔުނިޓު ގަންނަން ފުރުސަތު ނުދެވޭނަމަ، އެހިސާބުން ފެށިގެން އިތުރަށް ހިނގާ މަސްތަކަށް ކުލީގެ ހަރަދު ދިނުން.