ޚަބަރު

ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ގާއިމުކުރަން ޖެހޭ : ރައީސް

އަހުމަދު ޖައިޝަން

ދިވެހި ބޭސްވެރިކަމާއި އޯލްޓަނޭޓިވް މެޑިސިން ތަރައްގީކޮށް ކުރިއެރުވުމަށް އެފަދަ އިންސްޓިޓިއުޓެއް ރާއްޖޭގައި ގާއިމުކުރުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިވެހި ބޭސްވެރިކަން ކުރިއެރުވުމާ ބެހޭ މަހާސިންތާ އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޑޮކްޓަރީ ބޭސްވެރިކަމާ އެއްފަދައިން ދިވެހި ބޭސްވެރިކަމާއި އޯލްޓަނޭޓިވް ބޭސްވެރިކަމަކީ ރާއްޖޭގެ ވަށާޖެހިފައިވާ ސިއްހީ ނިޒާމުގެ އެއް ގުނަވަން ކަމަށެވެ.

އެ ސަބަބަުތަކަކަށް ޓަކައި ދިވެހި ބޭސްވެރިކަމަކީ ޕްރޮފެޝަނަލް ކަމަކަށް ވާން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ދިވެހި ބޭސްވެރިކަން ވިޔަސް ޕްރޮފެޝަނަލް ނޫން ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. ބޭސްވެރިކަންވެސް ކުރަން ވާނީ އުނގެނި ދަސްކޮށްގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ދިވެހި ބޭސްވެރިކަން ކުރާ ފަރާތްތައް މަދު ނޫން ކަމަށެވެ. އެގޮތުން ހަކީމީ ބޭސްވެރީންގެ ގޮތުގައި ފަސް ބޭފުޅަކު ރަޖިސްޓްރީކޮށްފައިވާއިރު އޯލްޓަނޭޓިވް ބޭސްވެރީންގެ ގޮތުގައި 19 ބޭފުޅެއް ރަޖިސްޓްރީ ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެއިތުރުން ދިވެހި ބޭސްވެރިންގެ ގޮތުގައި 50 ބޭފުޅަކު ރަޖިސްޓްރީވެފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.