ރައީސް ޔާމީން

ބޭނުންވިނަމަ ކޯލިޝަން ހެދުނީސް، އެކަމަށް ދައްކަން ޖެހޭ ގައުމީ އަގު މާބޮޑު: ރައީސް

ބޭނުންވާ އުސޫލު ތައް ދޫކޮށްލާފައި ކޯލިޝަން ހަދަން ބޭނުން ނަމަ އެކަން ކުރެވުނީސް ކަމަށާއި އެހެން ނަމަވެސް އެކަމަށް ޓަކައި ވަރަށް ބޮޑު ގައުމީ އަގެއް ދައްކަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމް އިން ބޭއްވި ޚާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވަރުގަދަ އިމްތިޚާނަށް ރައްޔިތުންގެ ހައްގުގައި ކުރިމަތިލީ ޕީޕީއެމުން އެކަނި ކަމަށެވެ. އަނެއްކޮޅުން ވާދަކުރީ އެހެން ހުރިހާ ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތައް ގުޅިގެން ކުރި މަސައްކަތަށް ރައީސް ޔާމީން ރޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ ވާހަކަފުޅުދައްކަވައިފަ އެވެ.

"ހުރިހާ ޕާޓީތައް އެއްގަލަކަށް އަރައިގެން ކުރާ މަސައްކަތުން މީގެ ކުރިން ވެސް ފެނިފަ ވަނީ އެބަޔަކު ކަމެއް ބޭނުންވެއްޖެ ނަމަ ޕާޓީއަކާ ޕާޓީއެއް. ރައްޔިތުންގެ މަސްލަހަތާ ރައްޔިތުންގެ މަސްލަހަތު. އަޅުގަނޑުމެންނަށް އެގޮތް ހެޔޮނުވީމަ އެކަން އެގޮތަށް ނުގެންދިޔައީ. އެހެން ނޫނަ ނަމަ އަޅުގަނޑުމެންނަށް ވެސް ބޭނުންވާ އުސޫލުތައް ދޫކޮށްލާފަ ކޯލިޝަން ހެދުނީސް ކަނނޭނގެ." ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅަށް އެއް ގަލަކަށް އަރައިގެން އުޅުނު ސިޔާސީ ޕާޓީ ތަކަކީ އަމިއްލަ އެދުން ކުރިޔަށް ލައިގެން، ސިޔާސީ މަގުސަދެއް ހާސިލުވަނީ އިގުތިސާދީ މަގުސަދެއް ހާސިލުކޮށްގެން ކަމަށް ދެކޭތީ، އެމަގުސަދު ހާސިލުކުރުމަށް ސިޔާސީ ފިކުރުގެ މައްޗަށް ބިނާކޮށް ހަދާފައި ހުރި ސިޔާސީ ޖަމާއަތް ތަކެއް ކަމަށެވެ.

"އެއީ ވަތަނީ ފިކުރެއް ހުރި ބައެއް ނޫން. އެއީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން އަންނަ ބައެއް ނޫން. އޭގެ ތެރެއިން ގިނަ ޕާޓީ ތަކަކީ ތިމަންނަމެންނަށް ލިބޭނީ ކިތައް ފަޅުރަށްތޯ، ކިތައް ފަޅުތޯ، ތިމަންނަމެންނަށް ލިބޭނީ ކިތައް ގޮނޑިތޯ ވިސްނާ މީހުން." ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.