ރާއްޖޭގެ އިވެންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ދެ ކުންފުނި ކަމަށްވާ ތިންކް އެޑްވަޓައިސިން އަދި އިވެންޓް މޯލްޑިވްސް ގުޅިގެން ވާޗުއަލް އިވެންޓް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.
"ނެކްސްޓްއޮން"ގެ ނަމުގައި ތައާރަފުކުރި އެ ޕްލެޓްފޯމާ ގުޅޭގޮތުން އެ ދެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ޕްލެޓްފޯމްގައި އިވެންޓުގައި ޑިޒައިން ނުވަތަ ކޮންސެޕްޓަށް ލިމިޓޭޝަނެއް ނެތި، އެއް އިވެންޓެއްގައި އެތައް ފަހަރަކު ވެސް ސެޓް ޑިޒައިން ނުވަތަ މާހައުލު ބަދަލުކުރެވިދާނެ ކަމަށެވެ.
އޭގެ އިތުރުން ނެކްސްޓްއޮން ވާޗުއަލް އިވެންޓްސް ނުވަތަ ހައިބްރިޑް އިވެންޓްސް ރިކޯޑުކޮށް ނުވަތަ ލައިވްކޮށް ޓީވީ އަދި ސޯޝަލް މީޑިއާގައި ބްރޯޑްކާސްޓު ކުރެވޭނެ ވަސީލަތްތައް ވެސް ގާއިމުކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
"ވިޔަފާރިތަކުން ބޮޑު އޯޑިއަންސްއަކަށް ކެމްޕޭނެއް ނުވަތަ ޕްރޮޑަކްޓެއް ލޯންޗު ކުރަން މި ޕްލެޓްފޯމް ވަރަށް އައިޑަލް ވާނެ،" ނެކްސްޓްއޮން އިތުރަށް ކުރެވިދާނެ ކަންތަކާ ގުޅޭގޮތުން ތިންކުގެ ސީއީއޯ އަދީލް އިސްމާއިލް ވިދާޅުވިއެވެ.
ތިންކް އެޑްވައިޓައިސިން އަދި އިވެންޓް މޯލްޑިވްސް އާއެކު ވީޑިއޯ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ވީޑިއޯ މޯލްޑިވްސްއެވެ.
އެ ދެ ކުންފުނިން ބުނީ، ޕްރޮޑަކްޓް ލޯންޗިން، ވެބިނާރު، ޕެނަލް ޑިސްކަޝަން، ކޮންފަރެންސް އަދި ޑިޖިޓަލް ކޮންޓެކްޓް ނެކްސްޓްއޮންގައި މިހާރު ވެސް އެކުލެވިފައިވާއިރު މީގެ އިތުރު ހިދުމަތްތަކެއް ކުރިއަށްއޮތް ތަނުގައި ތައާރަފު ކުރާނެ ކަމަށެވެ.