ޚަބަރު

ކޮވިޑް ޖެހުނު ތެލަސީމިއާ ދެ ކުދިން ރަނގަޅުވެއްޖެ

އަލީ ޔާމިން

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ހިމެނެނު ތެލަސީމިއާ ދެ ކުދިން އެ ބަލިން ރަނގަޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު ވިދާޅުވީ މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ތެލެސީމިއާ ދެ ކުދިންނަށް ކަމަށާއި ދެ ކުދިން ވެސް މިހާރު ބަލިން އެއްކޮށް ފަސޭހަވެފައިވާ ކަމަށެވެ.

ޑރ. އުމަރު ވިދާޅުވީ އެ ދެކުދިން ބަލިން ރަނގަޅުވި އިރު، އެކުދިންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއްވެސް ފެނިފައި ނުވާ ކަމަށެވެ.

ތެލަސިއާ ކުދިން ހިމެނެނީ ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ނުވަތަ ހައި ރިސްކް ކެޓަގަރީގައެވެ. އެގޮތުން ދެން އެކެޓަގަރީގައި ހިމެނެނީ، މާބަނޑު މީހުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި 60 އަހަރުން މަތީގެ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.

މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 146 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އެއާއެކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 6225 އަށް އަރައިފައެވެ.