ޚަބަރު

ދަރިވަރުންނަށް ނާސްތާ ދިނުމަށް ނިންމީ ތަރައްގީގެ ލަގަނުގައި ހިފާނެ ބަޔަކީ އެކުދީންނަށް ވީމަ : ރައީސް

އަހުމަދު ޖައިޝަން

ސްކޫލުތަކުގެ ދަރިވަރުންނަށް ނާސްތާ ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ގައުމުގެ ތަރައްގީގެ ލަގަނުގައި މާދަމާ ހިފާނެ ބަޔަކީ އެކުދީން ކަމުގައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިވެހި ބޭސްވެރިކަން ކުރިއެރުވުމުގެ މަހާސިންތާ އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެކުދީންގެ ވިސްނުމާއި ބުއްދި ތަރައްގީ ވެގެން ނޫނީ ގައުމުގެ ތަރައްގީއާ މެދު އެކުދީންގެ ސިކުނޑީގައި ފުން ވިސްނުމެއް ނުއުފެދޭނެ ކަމަށެވެ.

"ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް އެދޭނަމަ އަޅުގަނޑުމެން މިސްރާބު ހިފަން ވީ އެ އަމާޒަށް ވާސިލު ވެވޭތޯ،" ރައީސް ވިދާޅުވިއެވެ.

އިންސާނާގެ ސިއްހަތާއި ފުރާނައާ ގުޅި ލާމެހިފައިވާ އެއް ކަމަކީ ބޭސްވެރިކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބޭސްފަރުވާއަކީ ދުޅަހެޔޮ ސިއްހަތެއްގެ ފަރާތް. އޭގެ އަނެއް ފަަރާތަކީ ދިރިއުޅުމުގެ ރަނގަޅު އާދަތަކާއި ސިއްހަތައް ފައިދާހުރި ކާނާ. އަޅުގަނޑުމެން އެންމެ އިސްކަން ދޭން ޖެހޭނީ ދިރިއުޅުމުގެ ރަނގަޅު އާދަތަކަށާއި ސިއްހަތައް ފައިދާހުރި ކާނާއަށް،" އެމަނިކުފާނު ވިދާޅުވިއެވެ.