އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި އިވެންޓްގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ކަންކަން http://ore.do/regstr މި ލިންކު މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މުޅިން ހިލޭ ކަމަށާއި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހު ހަވީރު 06:00 ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ. އަތޮޅު ދުވުން ފުރިހަމަ ކުރާ ފަރާތްތަކަށް ވާޗުއަލް މެޑަލެއް ލިބޭ އިރު ފިޒިކަލް މެޑަލް އަކަށް އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫ އަތޮޅު ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެވޭ ގޮތަށް ރޭވިފައިވާ ފުރަތަމަ ވާޗުއަލް ރަންއެވެ. އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި މި ދުވުމަކީ އެކަނި ވިޔަސް އަދި އާއިލާ އާއި ރައްޓެހިންނާއެކުގައިވެސް ގައިދުރުކަމާއި އެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ހަރަކާތެކެވެ. ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށް ބައިވެރިވެވޭ ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން އެމީހެއްގެ ގޭގައި ހުރެގެންވެސް ނުވަތަ ކައިރީގައި އޮންނަ ދުވާ ޓްރެކެއްގައިވެސް މި ދުވުން ފުރިހަމަކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ލިބޭނެއެވެ. ރެޖިސްޓްރީ ކޮށްފައިވާ ދުވުންތެރިން، އެމީހެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކް ކޮށް ނިންމާފައިވާ ރަން ރޫޓްގެ ސްކްރީންޝޮޓް، ކޮންފަމޭޝަން މެސެޖާއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލް ލިބޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.
އުރީދޫ މޯލްޑިވްސްގެ މި ވާޗުއަލް ދުވުމުގައި ދިވެހިންނާއެކު އުރީދޫ ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ރަމްޒެއްގެ ގޮތުގައި 20 އަތޮޅުން 20 ދުވުންތެރިން 15 ކިލޯމިޓަރު، ރާއްޖޭގެ އުތުރުން ދެކުނަށް ފުރިހަމަކުރާނެއެވެ. މީގެ އިތުރުން، 5 ކިލޯމީޓަރުގެ ވާޗުއަލް ދުވުމުގައި، ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫން މަރުހަބާ ކަމަށް ވެސް އުރީދޫން ބުނެއެވެ.
މި ވާޗުއަލް ދުވުމުގެ އިތުރު މައުލޫމާތު https://www.ooredoo.mv/atholhu-dhuvun/މި ލިންކުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.