މިފެށޭ އަހަރަކީ ފަތުރުވެރިކަމުގެ ސިނާއަތުން ރެކޯޑު ބްރޭކިން އަހަރަކަށް ހަދަން ބޭނުންވާ ކަމަށާއި އަދި އެކަމުގެ ނަތީޖާ ހާސިލްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މިއަދު ސިމްޕޯސިއަމްގެ ބައިވެރިންނާއެކު ވައުދުވީ މިފެށޭ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރަށް ރެގިއުލޭޝަންސްތަކާއި ޓެކްސްގެ ނިޒާމަށް އަދި އެނޫންވެސް ގޮތްގޮތުން މި ވިޔަފާރި ފުޅާކުރުމަށްޓަކައި ބޭނުން ހުރި ހިޔާލުތައް ހުށަހެޅުން ކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކުރަން ބޭނުންވަނީ 2019 ވަނަ އަހަރަކީ އިންގިލާބީކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރެކޯޑް ބްރޭކިން އަހަރެއްގެ ގޮތުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނަތީޖާ ހާސިލުކުރާނެ. މިއަންނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އެކަން އަމަލުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދައްކައިދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޖެނުއަރީ 14ގެ ފަހުން މި ސިމްޕޯސިއަމްގެ ނިންމާ ކަރުދާސް އިކޮނިމިކް ކައުންސިލަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާނެ ކަމަށާއި އެއަށްފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީގޮތުން މިކަމުގެ ތެރޭގައި ބަދަލު ގެނެވެން ހުރި ކަންތައްތަކަށް ބަދަލު ގެންނާނެ ކަމަށެވެ.