ފަތުރުވެރިކަމުގެ ސިނާއަތުން މި ސަރުކާރު ކުރިއަށްދާނީ ދިވެހިންނާއެކު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ އަދި ދިވެހި ހުނަރުވެރިންނަކީ ދުނިޔޭގެ އެހެން މީހުންނާ ވެސް ވާދަކުރެވޭ ވަރުގެ މީހުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ރާއްޖޭގެ ރައްޔިތުންނަކީ އަދި ދިވެހި ހުނަރުވެރިންނަކީ ދުނިޔޭގެ އެހެން މީހުންނާ ވެސް ވާދަކުރެވޭ ވަރުގެ މީހުން. މި ސަރުކާރު އިރާދަކުރެއްވިއްޔާ ފަތުރުވެރިކަމުގެ ސިނާއަތުން ކުރިއަށްދާނީ ދިވެހިންނާއެކު ކަމުގައި އަޅުގަނޑު މިރޭ ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މިއަދު ބޭއްވި ގެސްޓްހައުސް ސިމްޕޯސިއަމްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި ވެފައިވާ ވައުދުފުޅެއް ކަމަށާއި ސިމްޕޯސިއަމުން އެނގިގެންދިޔައީ މި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ އެއްބާރުލުން ބޭނުންވާކަން ކަމަށެވެ.
"މި އިންޑަސްޓްރީގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި މިއަދު އަޅުގަނޑުމެން މި ބޭއްވި ގެސްޓްހައުސް ސިމްޕޯސިއަމްއަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ކެމްޕޭނުގައި ވެފައިވާ ވައުދެއް. އެ ވައުދުގެ އިތުރުން މިކަން އަޅުގަނޑުމެން ކުރުމުން އެނގިގެން މިދިޔައީ މި ސިނާއަތް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ އެއްބާރުލުން ބޭނުންވާކަން،" މިނިސްޓަރު ވިދާޅުވިއެވެ.