ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެސްޓް ހައުސް ވިޔަފާރި ތަރައްގީކުރުމަށް އެސްއެމްއީ ފައިނޭންސިންގ އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްއެފްޑީސީ)ގެ ނަމުގައި ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގެސްޓްހައުސްތައް ހިންގުމުގައި ދިމާވާ މާލީ ދަތިކަން ފޫބެއްދުމުގައި އެހީތެރިވެދިނުމުގެ އިތުރުން ގެސްޓްހައުސް ހިންގުމުގައި ދިމާވާ ފަންނީ ދަތިތައް ހައްލުކޮށްދިނުމުގައި ވެސް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
"މިކުންފުނި ފުރަތަމަ ގާއިމް ކުރެވޭނީ ޑިޕޮސިޓް ނުނަނަގާ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި. އަދި މެދުރާސްތާއެއްގައި އެސްއެމްއީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެންދާނެ. މާތް ﷲގެ ވާގިފުޅާއެކު، މިކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ފެށިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އުފައްދާ އެސްއެމްއީ ބޭންކަކީ ދިވެހި ތާރީހުގައި ވެސް މީގެ ކުރިން އުފައްދާފައި ނުވާ ފަދަ ގޮތަކަށް ސިޓީ ކައުންސިލްތަކުގެ ހިއްސާއާއެކު އުފެދޭނެ ބޭންކެއް ކަމަށާއި އަދި އެ ބޭންކު ވެގެންދާނީ ދިވެހީންގެ މާލީ ތަނަވަސްކަމާއި އިގުތިސާދީ ފުދުންތެރިކަން އިތުރު ކުރުމުގައި ވިޔަފާރިވެރިންނާއި ސަރުކާރު އަތުގުޅާލުމަށް ގާއިމުކުރެވޭ މާލީ އިދާރާއެއް ކަމަށެވެ.
ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މުޅި އިގުތިސާދުގެ 70 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށާއި މި މުހިންމު ވަސީލަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަކީ ރާއްޖޭގެ އިގުތިސާދުގެ ރޫފަހެޔޮކަމާއި ފަރުދީ ތިޔާގިކަމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް ގެސްޓްހައުސް ވިޔަފާރި ވެސް ހިމެނޭ ގޮތަށް ޓޫރިޒަމްގެ އެކި ދާއިރާތައް އިޝްތިހާރުކުރުން އިތުރުކުރުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ރާއްޖެ އިޝްތިހާރު ކުރަންވީ ހަމައެކަނި މުއްސަނދީންގެ މަންޒިލެއްގެ ގޮތުގައި ނޫން ކަމަށާއި ރާއްޖޭގައި ހުރި މެދުފަންތީގެ ފުރުސަތުތަކާއި ހެޔޮ އަގުގައި ޗުއްޓީ ހޭދަކުރުމުގެ ވާހަކަ ވެސް ގިނަގިނައިން ދައްކަންވެއްޖެ ކަމަށެވެ.