ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިސޯޓުތަކުން ސާވިސް ޗާޖު ނުލިބުމާއި ދިވެހިންނަށް ވަޒީފާ ނުލިބޭކަމުގެ ވާހަކަތަކަށް ހައްލެއް ގެނެސްދޭނަން: ރައީސް

4

މިއަދުވެސް ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ނުލިބޭ ވާހަކައާއި ރިސޯޓުތަކުން ވަޒީފާ ނުލިބޭކަމުގެ ވާހަކަތައް އިވެމުންދާ ކަމަށާއި އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ޝަކުވާތަކަށް ނިމުމެއް ގެނައުމަށްޓަކައި ގާނޫނާ އެއްގޮތަށް ސާވިސް ޗާޖު ދެވޭކަން ކަށަވަރުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފުރިހަމަކުރަމުން ގެންދާނެ ކަމަށެވެ.

"މިއަދުވެސް ބައެއް ރިސޯޓުތަކުން އިވެނީ ސާވިސް ޗާޖު ނުލިބޭ ވާހަކައާއި ގާނޫނުގައި ބުނާ ނިސްބަތުން ދިވެހިންނަށް ރިސޯޓު ވަޒީފާ ނުލިބޭ ވާހަކަ. މި ޝަކުވާތަކަށް ނިމުމެއް ގެނައުމަށްޓަކައި ގާނޫނާ އެއްގޮތަށް ސާވިސް ޗާޖު ދެވޭކަން ކަށަވަރުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފުރިހަމަކުރަމުން ގެންދާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ވަޒީފާތަކުގައި ދިވެހިން ގެންގެޅެންޖެހޭ މިންގަނޑުތައް މުރާޖައާކޮށް ތަންފީޒުކުރުން ހަރުދަނާ ކުރެވޭނެ ކަމަށާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ އެއް ވިސްނުމަކީ ދިވެހިން ގެންގުޅެން ޖެހޭ ނިސްބަތަށް ވުރެ އިތުރަށް ދިވެހިން ގެންގުޅޭ ނަމަ، އެ ރިސޯޓަކަށް ނުވަތަ ގެސްޓްހައުސްއަކަށް ޓެކްސް އިންސެޓިވްއެއް ދިނުން ކަމަށެވެ. އަދި އެއީ ރިސޯޓު ވަޒީފާ ކަށަވަރުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟