ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފެބްރުއަރީ މަސް ނިމުމުގެ ކުރިން ގެސްޓްހައުސް އަދި ގެދޮރު އިމާރާތްކުރުމަށް ލޯނު ލިބޭނެ ގޮތް ހަމަޖެހޭނެ: ރައީސް

2

އަންނަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ގެސްޓްހައުސް އެޅުމަށާއި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ލޯނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ވެރިކަމަށް ކުރިމަތިލައިގެން އުޅުނު އިރުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ފަސޭހައިން ލުއިލޯނު ލިބޭނެ ގޮތް އިންތިޒާމުކުރުމުގެ މަސައްކަތް ކުރާނެ ވާހަކަ ވައުދެއްގެ ގޮތުގައި ރައްޔިތުންނާ ހިއްސާކޮށްފައިވާނެ ކަމަށާއި އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް ހުޅުވުމުގެ އަމަލީ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފެބްރުއަރީ މަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް ހުޅުވުމުގެ މަސައްކަތް އަމަލީގޮތުން ފެށި ފުރަތަމަ އެކަން ފެށުމުގެ ގޮތުން އިންސްޓިޓިއުޝަނެއް ގާއިމުކޮށް ފެބްރުއަރީ މަސް ނިމުމުގެ ކުރިން ގެސްޓްހައުސް އެޅުމަށް ބޭނުންވާ ލޯނު އަދި ގެދޮރު އިމާރާތްކުރުމަށް ލޯނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ވިޔަފާރިއެއްގެ މޭސްތިރިއަކީ މާލީ ތަނަވަސްކަން ކަމަށާއި އެކަން ފަހިކޮށްދިނުމަށްޓަކައި އަންނަ ފެބްރުއަރީ މަހު އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެދިގެންދާނެ ކަމަށެވެ.

"އެކަން ފަހިކޮށްދިނުމަށްޓަކައި އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން ސަރުކާރުން ވިސްނާފަ އޮތީ އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް ފުރަތަމަ އުފައްދަން. މި ކުންފުނި ފުރަތަމަ ގާއިމުކުރެވޭނީ ޑިޕޮސިޓް ނުނަގައި ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި. އަދި މެދުރާސްތާއެއްގައި އެސްއެމްއީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓު ވެސް ނެގޭގޮތަށް ބަދަލުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟