މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތުގެ މަރާމާތް ކުރުމުގެ މަސައްކަތް ޗައިނާގެ ސަރުކާރާއި ހަވާލުކޮށްފި އެވެ.
އެގޮތުން ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ޗައިނާގެ ސަރުކާރާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު ސޮއި ކުރައްވާފައިވާއިރު ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މރ.ޖަންގް ލިޖޮންގްއެވެ.
މި އެއްބަސްވުމުގެ ދަށުން ފޮރިން މިނިސްޓްރީއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން މި މަސައްކަތް ނިމުމާއެކު އެ މިނިސްޓްރީން އާންމުންނަށް ދެމުންދާ ހިދުމަތް އިތުރަށް ހަރުދަނާވާނެކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ވާހަކަދައްކަވަމުން ވަނީ ފޮރިން މިނިސްޓްރީގެ އިމާރާތަކީ ޗައިނާ އާއި ރާއްޖެއާ މެދު އޮންނަ ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށް ވިދާޅުވެފައެވެ. އަދި މިކަން އަބަދުވެސް އެގޮތުގައި ދެމި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާގެ އެމްބަސީގެ ބޭފުޅުންގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.