ޚަބަރު

މަހެއް ތެރޭ ވީއައިއޭގައި 764 ފްލައިޓް މޫވްމެންޓް

މިދިޔަ މަހުގެ 15ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި 764 ފްލައިޓް މޫވްމެންޓް ރެކޯޑު ކުރެވިފައިވާ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ ޖުލައި 15 އިން މިމަހުގެ 15 އަށް ވީއައިއޭގައި 399 އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް އަދި ޑޮމެސްޓިކް 365 ފްލައިޓް މޫވްމެންޓް ރެކޯޑު ކުރެވިފައިވާ ކަަމަށެވެ.

މި މުއްދަތުގެ ތެރޭގައި އިންޓަނޭޝަނަލް 7607 އެރައިވަލް އަދި 9262 އިންޓަނޭޝަނަލް ޑިޕާޗާ ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އަދި ޑޮމެސްޓިކަށް 3480 އެރައިވަލް އަދި 4323 ޑިޕާޗާ ރެކޯޑު ކުރެވިފައިވާ ކަަމަށް އެމްއޭސީއެލުން ބުންޏެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވައި، ފަތުރުވެރިން ގެންނަން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު 32 ގައުމަކުން 100 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ މަހުގެ 15 އިން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް 5،177 ފަތުރުވެރިން އައިސްފައިވެއެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނާއި އެމެރިކާއިންނެވެ. އެގޮތުން އިނގިރޭސިވިލާތުން 679 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އެމެރިކާއިން 525 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ބޯޑަރު އަލުން ހުޅުވާލި ނަމަވެސް ދަތުރުފަތުރުތައް ކުރުން ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. ކޮވިޑުގެ ކުރިން ޖެނުއަރީ ހަތްވަނަ ދުވަހު އެކަނިވެސް ވީއައިއޭގައި 811 ފްލައިޓް މޫވްމެންޓް ރެކޯޑް ކުރެވިފައިވެއެވެ.